ކޯވިޑް-19

މާސްކު ނާޅާތީ ހަދާންކޮށްދިނުމަށް މާސްކްގެ ޑިޒައިނަން ފަރަޓާ


އިންޑިއާގެ ޓެމިލްނާޑޫއަށް ނިސްބަތްވާ މަދޫރާއީ ސިޓީއަކީ އާސާރީ އެތައް މޮނިއުމަންޓްތަކަކާއި ބިނާތަކަކާއެކު މުއްސަނދި ތާރީޚަކާއި ސަޤާފަތެއް ލިބިފައިވާ ސިޓީއެކެވެ.

1.4 މިލިއަން މީހުންގެ އާބާދީ ދިރިއުޅެމުންދާ މަދޫރާއީއަކީ ފަރާޓާ ހެދުމަށްވެސް އިންޑިއާގައި މަޝްހޫރުވެފައިވާ އަވަށެކެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކާ އިންޑިއާގައި އިޖްތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި މަދޫރާއީގައި ރެސްޓޯރެންޓެއް ހިންގާ ފަރާތަކުން މިވަނީ ކޯވިޑް-19އަށް މީހުން ހޭލުންތެރިކުރުމަށްޓަކާ ތަފާތުކަމެއް ކުރަން ފަށާފައެވެ.

މަދޫރާއީގެ ވިޔަފާރިވެރިއެއްކަމަށްވާ ކޭ.އެލް ކުމާރުގެ ޓެމްޕަލް ސިޓީ ރެސްޓޯރެންޓުން އެމީހުންގެ ކަސްޓަމަރުންނަަށް ފޭސް މާސްކުގެ ޑިޒައިނަށް ފަރާޓާ ހެދުމަށްފަހު ސަރވްކޮށްދޭން ވަނީ ފަށާފައެވެ. މި ޚިޔާލު އޭނާއަށް ލިބި މިކަން ފެޝަނަކަށް ހެދުމުގެ ވިސްނުން ލިބުނީ މަދޫރާއީގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހިތްވަރުދިނުމުގެ ގޮތުންކަމަށް ކޭ.އެލް ކުމާރު ބުނެފައިވެއެވެ.

"މާސްކް އަޅައިގެން ބޭރަށް ނުކުތުމަށް ކަމާބެހޭ ފަރާތްތަކުން ލާޒިމްކުރި ނަމަވެސް، އަދިވެސް އެއާގޮތަށް އަމަލު ނުކުރާ މީހުން ގިނަ. އެހެންވެ އަހަރެން ބޭނުންވީ މޫނު ނިވާކުރުމަށް މާސްކް އެޅުމަށް މީހުންނަށް ހިތްވަރުދޭން ތަފާތުކަމެއް ކުރަން. ރެސްޓޯރެންޓްގެ ފަރާޓާ މާސްޓަރާއި ވާހަކަދައްކާފައި މިކަން ކުރަން ނިންމީ" ކުމާރު ބުންޏެވެ.

ފަރާޓާ ބޭނުންކޮށްގެން ތައްޔާރުކުރާ މި އެޑިބަލް ފޭސް މާސްކްތައް ވިއްކަނީ އެއްޗެއް 50 ރުޕީސްގެ ރޭޓުންނެވެ.

މިގޮތަށް މިކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެތަނަށް އަންނަ ކަސްޓަމަރުން މި ފަރާޓާތަކާއެކު ފޮޓޯއާއި ސެލްފީ ނެގުން ނޫންކަމަށާއި، މިއީ ކޯވިޑް-19 އިން ރައްކާތެރިވުމުގައި ފޭސް މާސްކުގެ މުހިއްމުކަން އާއްމުންނަށް ވިސްނައިދީ އެކަމަށް ބާރު އެޅުމަށް ކުރަން ފެށިކަމެއްކަމަށް ކުމާރު ބުނެއެވެ. އަދި މިގޮތަށް ފޭސް މާސްކްތައް ހަދަން ފެށުމާއެކު، އެމީހުންގެ ފަރާޓާއަށް އޮތް ޑިމާންޑުވެސް އިތުރުވެ ވިޔަފާރިއަށްވެސް އޭގެ ހެޔޮ އަސަރުކުރަމުންދާކަން ކުމާރު ފާހަގަކުރިއެވެ.

"ފަރާޓާ ފޭސް މާސްކްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވާން ފެށިފަހުން ފަރާޓާ ހެދުމަށް އޯޑަރުކުރުމަށް ހުއްޓާނުލާ ފޯނު ކޯލްތައް ލިބެމުންދަނީ. އާއްމުކޮށް އަހަރުމެން ފަރާޓާ އޯޑަރުތައް ނަގަނީވެސް ހަވީރުން ފެށިގެން. އެކަމު މިހާރު ޑިމާންޑް އިތުރުވެފައިވާތީ، ހެނދުނުގެ ސަޔަށްވެސް ފަރާޓާ އޯޓަރުތައް ނަގަމުންމިދަނީ" ކުމާރު ބުންޏެވެ.

ކޭ.އެލް ކުމާރުގެ ޓެމްޕަލް ރެސްޓޯރެންޓްގެ މި ހަރަކާތަށް އާދަޔާ ޚިލާފު ތަރުޚީބެއް ލިބެމުންދާތީ، ކުމާރު ވަނީ ކޮރޯނާވައިރަސް ތީމަށް ޚާއްސަ މެނޫއެއްވެސް މިހާރު ތަޢާރަފުކޮށްފައެވެ. މި މޭނޫގައި ފަރާޓާ ފޭސް މާސްކާއި، ކޮރޯނާ-ޝޭޕްޑް ޑޯސާސް، ބޮންޑާސް އަދި ހަރބަލް ކޮންކޮކްޝަން ކުމާރު އަންނަނީ އޭނާގެ ކަސްޓަމަރުންނަށް ސަރވްކޮށްދެމުންނެވެ.