ކޯވިޑް-19

ކޯވިޑުން ރައްކާތެރިވުމުގެ މެސެޖްތައް ޖައްވުގެ ތެރޭގައި


އޭޝިއާގެ 4 ވަނަ އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ ދެކުނު ކޮރެއާއަކީ ޓެކްނޮލޮޖީއާއީ އީޖާދީ އުފެންދުންތައް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޤައުމެކެވެ.

މުއްސަނދި ސަޤާފަތަކާއި، ތާރީޚެއްވެސް އޮންނަ ދެކުނު ކޮރެއާގައި ކުރާ އާދަޔާ ޚިލާފު ކަންތައްތަކާއި، އުފައްދާ އުފެއްދުންތަކަކީ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަން އަބަދުހެން ހޯދާ ކަންކަމެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ކޯރެއްކަމަށްވާ "ހޭން ރިވާ" ހިމެނޭ ސަރަޙައްދުގައި ކުރިއަށްދިޔަ ސިންކޮރޮނައިޑް ލައިޓް ޑިސްޕްލޭއަކަށް މިވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. ކޯވިޑް-19ގެ ނުރައްކަލުން ސަލާމަތްކުރުމުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ އަގު ވަޒަންކޮށް، ބައްޔާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ދިނުމަށް މި ލައިޓް ޑިސްޕްލޭގައި ބޭނުންކޮށްފައިވަނީ 300 ޑްރޯނެވެ. ލައިޓް ޝޯތަކުގައި އާއްމުކޮށްވެސް ބޭނުންކޮށް އުޅޭ ޕިން-ޕޮއިންޓް ލައިޓްތަކަކާއެކު މި ޑްރޯންތައް ވައިގެ ތެރެއަށް ދޫކޮށްލުމުން ފުރަތަމަ ފެނިގެންދިޔައީ އަސްކަރީ ސަފުތަކެއް އެތުރޭ ފަދައިން ސަފުތަކަކަށް ޑްރޯންތައް އެތުރޭ މަންޒަރެވެ. އެއަށްފަހު ލައިޓް ޑިސްޕްލޭ ފެށުމުގެ ގޮތުން ފޭސްކް މާސްކެއްގެ ފޯމޭޝަނަށް ޑްރޯންތައް އެތުރިލައެވެ.

މި ލައިޓް ޑިސްޕްލޭގެ ފަޮޓޯއާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، އެންމެ ގިނަ ބަޔަކު އަޅައިގަތީ އެކިއެކި ފޯމޭޝަންތަކަށް ޑްރޯންތައް އެތުރެމުންދިޔައިރު އެއް ޑްރޯން އަނެއް ޑްރޯން ސިންކްވާލެއް ފުރިހަމަކަމާމެދުއެވެ. ދެކުނު ކޮރެއާގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓުން އިންތިޒާމްކޮށްގެން 10 މިނެޓަށް ކުރިއަށްދިޔަ މި ޑިސްޕްލޭގައި ޕީ.ޕީ.އީ ކިޓުގައި ތިބި މެޑިކަލް އޮފިސަރުންތަކެއް ދައްކާލާފައިވާއިރު، އެމީހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ޤައުމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރިއަށްދާ "ތޭންކްސް ޓު ޗެލެންޖް" ކެމްޕޭން ޕްރޮމޯޓްކޮށްފައިވެއެވެ. އަދި މާސްކް އެޅުމާއި، އަތްދޮވުމާއި، އިޖްތިމާޢީ ގައިދުރުކަމަށް ހިތްވަރުލިބޭ ފަދަ ފޯމޭޝަންތަކަށް ޑްރޯންތައް އެތުރިފައިވެއެވެ.

ކޯވިޑް-19 އާއްމުން ހޭލުންތެރިކުރުމަށް ސޯލްގައި ކުރިއަށްދިޔަ މި ޕްރޮޖެކްޓުގައި އިސްކޮށް ހަރަކާތްތެރިވި ކޮރިއާ އިންސްޓިޓިއުޓް އޮފް އޭވިއޭޝަން ސޭފްޓީ ޓެކްނޮލޮޖީން ބުނީ، މި ލައިޓް ޑިސްޕްލޭގައި ބޭނުންކޮށްފައިވަނީ 900 ގްރާމުގެ ޑްރޯންތަކެއްކަމަށެވެ. އަދި އެ ޑްރޯންތަކަކީ ރިއަލް ޓައިމް ކިނެމެޓިކް، އާރް.ޓީ.ކޭ ސެޓެލައިޓް ޕޮޒިޝަނިންގެ ޤާބިލުކަން ލިބިފައިވާ ޑްރޯންތަކެއްކަމަށާއި، އެތަކެތީގެ އެކިއުރެސީ ވަރުގަދަކުރުމަށް އިތުރު އެންޓަނާއެއްވެސް ބޭނުންކޮށްފައިވާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ކޮންމެއަކަސް މިއީ ކޯވިޑް-19އާއި ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ޤައުމެއްގައި ބޭއްވުނު މިފަދަ އެންމެ ތަފާތު އެއް ހަރަކާތެވެ. މިކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަން ހޯދާފައިވާއިރު، މި ހަރަކާތުގެ ފޮޓޯއާއި ވީޑިއޯ އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

އޭޝިއާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ފެތުރުން އެންމެ ބޮޑަށް ކޮންޓްރޯލްކޮށްފައިވާ އެއް ޤައުމަކީ ދެކުނު ކޮރެއާއެވެ. 50 މިލިއަނަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ދެކުނު ކޮރެއާއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 13 ހާހަށްވުރެ މައްޗަށް އަރާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 280 އަށްވުރެ މަތީގައެވެ.