މިނިމަމް ވޭޖް ތަންފީޒުކުރުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށް ކުންފުނިތަކަށް ވަގުތު ލިބެންޖެހޭކަމަށް މަޓީ އަދި މަސީން ބުނެފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، (މަޓީ) އާއި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
މަޓީގެ ބޯޑު މެންބަރު އިޔާޒް ވަހީދު ވިދާޅުވީ، ކޯވިޑާ ގުޅިގެން ދިމާވި ހާލަތުގެ ސަބަބުން މިނިމަމް ވޭޖްގެ ގޮތުގައި ނަގަންޖެހޭނީ ކިހާވަރެއްތޯ ބެލުމަށް އަލުން ދިރާސާއެއް ހަދަންޖެހޭކަމަށެވެ. މިނިމަމް ވޭޖްގެ ޤާނޫނު ތަންފީޒްކުރާ ހިސާބުން އިންޕްލިމެންޓްކޮށްފިނަމަ ކުންފުނިތަކަށް މީގެ ގެއްލުން ލިބޭނެކަމަށާއި، އެހެންކަމުން ކުންފުނިތަކުން މިކަމަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ދޭންޖެހޭކަމަށް އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ވިދާޅުވީ މަޓީން މިނިމަމް ވޭޖް ކަނޑައެޅުމަށް އެއްވެސް ގޮތެއްގައި ދެކޮޅުނޫންކަމަށެވެ. އެހެންނަމަވެސް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަނީ އެކަށީގެންވާ އަދަދަކަށްވެފައި ތަންފީޒްކުރަން ވަގުތު ލިބޭނަމަ މިކަމުގައި މައްސަލައެއްނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކޮންމެ ކަމެއްވެސް އިންޕްލިމަންޓްކުރަން ވަގުތެއް ދެއްވަންވާނެ އިނގޭތޯ. ވިޔަފާރިތަކުންވެސް ހުންނާނެ ކޮންމެސްކަހަލަ ޕްލޭންތަކެއް ހަދާފަ ދެއްތޯ. އެހެންވީމަ އިޤްތިސާދަށް އެއަންނަ ލޮޅުންވެސް ކުޑަވާނެ ކޮންމެވެސް ވަރެއްގެ ވަގުތެއް ދެއްވީމަ. ފުރަތަމަވެސް އަޅުގަނޑުމެން ސަޖެސްޓްކޮށްފަ އިންނާނެ 1 އަހަރު މަދުވެގެން އިންޕްލިމެންޓޭޝަންއަށްދޭން." އިޔާޒް ވަހީދު ވިދާޅުވިއެވެ.
މަސީގެ ބޯޑު މެންބަރު އަބްދުލް މުއްތަލިބު ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑައަޅައި މިވަގުތު ތަންފީޒްކުރަންފަށައިފިނަމަ ބައެއް ވިޔަފާރިތައް ބަނގުރޫޓުވެދާނެކަމަށެވެ. އެހެންކަމުން މިކަމަށް ތައްޔާރުވުމަށް ކުންފުނިތަކަށް ވަގުތު ބޭނުންވާކަމަށެވެ. 2022 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި މިނިމަންވޭޖް ތަންފީޒުކުރަން ފަށައިފިނަމަ އިމާރާތްކުރުމުގެ ސިނާއަތައް ދައްޗެއްނުވާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"މިނިމަމް ވޭޖެއް މިވަގުތު ކަނޑައަޅުއްވައިފިއްޔާ އޭގެ ސަބަބުން ބައެއް ވިޔަފާރިތައް ބަނގުރޫޓޫވާނެ. ހަމައެއާއިއެކީގައި ކޮށްދެވިދާނެ 2 ކަމެއް އެބައޮތް. ޤާނޫނުގައި ލިޔެވިދާނެ މުސާރައަށް އަންނަ ބަދަލު އެ ކޮންޓްރެކްޓެއްގެ ކްލައިންޓުން ދޭނެޖޭނެޔޭ. ކުންފުނިތަކަށް ގެއްލުން ނުވާނެ އުސޫލެއް އައިއްސިއްޔާ އަޅުގަނޑުމެންނަށް މައްސަލައެއްނެތް." މުއްތަލިބު ވިދާޅުވިއެވެ.
ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ. ނަމަވެސް މިއީ މިނިމަމް ވޭޖް ކަނޑައަޅައި އަމަލުކުރަން ފެށުމަށް އެންމެ ރަނގަޅު ދުވަސްވަރެއް ނޫންކަމަށް މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުންވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.