ޖިނާއީ ޢަދުލުގެ ނިޒާމުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ގެ ޛަރިއްޔާއިން ޝަރީޢަތް ހިންގަން ފެށުމުން އިންޞާފުގެ ދިގު ރާސްތާ ކުރުވެއްޖެ ކަމުގައި ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާއި ގުޅިގެން ބަންޑާރަ ނައިބު ވިދާޅުވީ މިއީ ޝަރީއަތްތައް އަވަހަށް ހިންގުމަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހައެއްކަމަށެވެ. މިކަމުގެ ސަބަބުން ޝަރީއަތައް އަވަސްވެ އިންސާފު ޤާއިމްކުރުމުގައި މީގެކުރިން އޮތް ދިގު ރާސްތާ ވަރަށްބޮޑަށް ކުރު ވެގެންދާނެކަމަށެވެ.
"ޖިނާއީ ޢަދުލުގެ ނިޒާމުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ގެ ޛަރިއްޔާއިން ޝަރީޢަތް ހިންގަން ފެށުމުން އިންޞާފުގެ ދިގު ރާސްތާ ކުރުވެއްޖެ" ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވިއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެސްފައިވާ މި އިޞްލާޙާއިއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޚާއްޞަ ޙާލަތްތަކުގައި ޝަރީޢަތް ހިންގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިދީފައި ވެއެވެ.
މިގޮތުން، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ކާރިސާގެ ޙާލަތެއްގެ ސަބަބުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛ ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަޙައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ޚަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ޤާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިޢާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ބުރޫއަރާފާނެ ޙާލަތްތަކަކީ ޚާއްޞަ ޙާލަތްތަކެއްކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިގޮތަށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދަޢުވާ ލިބޭ ފަރާތް އިޢުތިރާޟު ނުކުރާނަމައެވެ.
އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީޢަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީޚުން ފެށިގެން 25 އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންޖެހޭގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތިރީސްވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ނުވަތަ ކާރިސާއެއްގައި ޚާއްޞަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް މި ބިލުގައި ހިމަނާފައިވެއެވެ.