މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ އިޙްތިފާލުތައް މިއަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މިނިވަންދުވަހުގެ އިޙްތިފާލުތައް މިއަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމެވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް މި އަހަރު ނުބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަން ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިގޮތަށް މި ނިންމެވީ، ކޯވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެންނާއި، ކޯވިޑް-19 އާ ގުޅިގެން، ޢާއްމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްޓަކައި، ތަފާތު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާތީ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރެއްވުން އޮންނާނެކަމަށާއި، އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިއަހަރު ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމާގުޅޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ލަފާ ހޯއްދެވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވއެވެ.
ޤައުމީ އިނާމު މިހާރު ދެއްވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޤައުމީ ދުވަސް ކަމަށްވާ 1 ރަބީޢުލްއައްވަލް މި އަހަރު ދިމާވަނީ އޮކްޓޯބަރ މަހުގެ 18ވަނަ ދުވަހާއެވެ. ޚާއްޞަ އިނާމު ދެއްވަމުން ގެންދަވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައެވެ.
މިއަހަރު ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވުމާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ޤައުމީ އިނާމަށާއި ޚާއްޞަ އިނާމަށް އިޢުލާނު ކުރެއްވުމަށާއި، ކޯވިޑުގެ ހާލަތު އޭރު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ޙާލަތު ބަދަލުވެއްޖެނަމަ، ޤައުމީ ދުވަހުގެ ޖަލްސާއާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވަވައި އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.
އަދި ޖަލްސާ ބޭއްވޭނެ ގޮތް ނުވެއްޖެނަމަ، އެ ވަގުތުގެ ހާލަތަށް ރިޢާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށްވެސް މިއަދު ބޭއްވެވެި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.