މާލެ ސަރަހައްދުގައި ހިންގާ ގެސްޓް ހައުސްތައް ޓްރާންސިޓް ހޮޓަލްތަކުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދިނުމަކީ ގެސްޓްހައުސްތައް ފަށައިގަންނަން ލިބުނު ހިތްވަރެއްކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ވިދާޅުވެއްޖެއެވެ.
މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހުއްދަދިނުމަށް ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާސިހް ވިދާޅުވީ، މާލެ ސަރަހައްދުގައި ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި އޮޕަރޭޓްކުރަން ބޭނުންވާ ގެސްޓްހައުސްތަކަށް މިހަފްތާގެ ތެރޭގައި އެޕްލައިކުރަން ހުޅުވާލާނެކަމަށް ބެލެވޭކަމަށެވެ. އަދި ސަރުކާރުގެ މި ނިންމުމަކީ ގެސްޓްހައުސްތައް ފަށައިގަތުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމަށް އޭނާ ވިދާޅުވިއެވެ.
ނާސިހް ވިދާޅުވީ އޮޕަރޭޝަންއަށް މިހާރުވެސް ގިނަ ގެސްޓްހައުސްތައް ހުރީ ތައްޔާރަށްކަމަށެވެ. އަދި މިހާރު ތައްޔާރުވެފައި ނެތް ގެސްޓްހައުސްތައްވެސް ބޯޑަރު ހުޅުވާލައި ފަތުރުވެރިން ރާއްޖެ އަންނަން ފެށުމުގެ ކުރިން އޮޕަރޭޝަންއަށް ތައްޔާރުވާނެކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ 'ގައިޑްލައިން ފޮރ ރީ-ސްޓާރޓިން ޓޫރިޒަމް އިން މޯލްޑިވްސް' ގެ ސެކްޝަން ޑީ2 ގައި ބަޔާންކޮށްފައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތައް 15 ޖުލައިގައި ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުންކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާއެކު ހުޅުވޭނެއެވެ. އެހެންކަމުން މި ގައިޑްލައިންއާއި އެޗް.ޕީ.އޭގެ މިންގަޑުތަކުގެ ތެރެއިން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.
މިމަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ބޭނުންކުރަން މިމަހުގެ ތެރޭގައި ހުއްދަދިންނަމަވެސް ގެސްޓްހައުސްތައް ހުޅުވާލުމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.