ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް އާދަޔާ ޚިލާފަށް ބޮޑަށް އުދައަރައި ގެއްލުން ވެއްޖެއެވެ. މިއަދު މެންދުރުފަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އުދައެރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް މުސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވާފައިވެއެވެ. މިއަދު ވަނީ މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ވަރަށް ބޮޑަށް އުދައަރާ ގެއްލުންތަކެއްވެފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީން ވިދާޅުވީ އުދައަރައިގެން އެއޮތޯރިޓީއަށް ރަށްރަށުން ކޮންމެ ދުވަހަކުވެސް ރިޕޯޓްކުރަމުން އަންނަކަމށާ، އެގޮތުން މިއަދު ބައެއް ރަށްތަކަށް އުދައަރައިގެ ރިޕޯޓްކޮށްފައިވާކަމަށެވެ. އެގޮތުން ގދ.ތިނަދުއާއި ލ.ކުނަހަންދުއާއި މާލެއަތޮޅު ދިއްފުށްޓަށް އުދައަރައިގެން ރިޕޯޓްކޮށްފައިވާކަމަށެވެ. ނަމަވެސް ޒަރޫރީ ކަންކަމަށް ބުރޫއަރާފައި ނުވިނަމަވެސް ވަރަށް ބޮޑަށް އުދައިގެ އަސަރު ރަށްތަކަށްކޮށްފައިވާކަމަށް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީން ވިދާޅުވެއެވެ.
ގދ.ތިނަދޫ ކައުންސިލުން ވިދާޅުވީ، އެރަށަށް 250 ފޫޓަށް އުދައަރާފައިވާކަމަށާ، މިއަދުވެސް އުދައިގެ އަސަރުކޮށްފައިވާކަމަށެވެ. ނަމަވެސް އެއްވެސް ގެއަކަށް ގެއްލުން ވެފައިނުވިނަމަވެސް ރަށުތެރޭގައި ފެންބޮޑުވެފައިވާކަން އެރަށު ކައުންސިލުން ވިދާޅުވެއެވެ.
ލ.ކުނަހަންދުއަށްވެސް މިއަދު ވަނީ ވަރަށްބޮޑަށް އުދައަރާފައިކަމަށާ، ބައެއް ގޭގެއަށާއި، ދަނޑުބިންތަކަށްވެސް އުދައަރައި ގެއްލުންވެފައިވާކަމަށެވެ. އެރަށަށް އެންމެ ބޮޑަށް އުދައަރާފައިވަނީ މިއަދުމެންދުރުއެވެ.
މިއަދު އުދައަރައިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއްރަށަކީ ރ.ވާދުއެވެ. އެރަށު ކައުންސިލްގެ ރައީސް ޙުސައިން ޢަލީ ވިދާޅުވީ، އެރަށުގެ އުތުރު ފަރާތުން 500 ފޫޓު ދުރަށް ރަށުތެރެއަށް ރާޅު އަރާފައިވާކަމަށާ، އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެރަށު ބޯޓު ޔާޑަށްކަމަށެވެ. އެގޮތުން އެސަރަޙަދުގައި ވަރަށް ގިނަ ލޯންޗުފަހަރާއި ދޯނިފަހަރު ބަންނަމުންދާއިރު އެތަކެއްޗަށާއި އިންޖީނުތަކަށްވެސް ލޮނުގެ އަސަރު ކޮށްފައިވާކަމަށެވެ. އަދި އެރަށު އިރުމަތީ ފަރާތަށްވެސް އުދައަރާފައިވާކަމަށާ، އެސަރަޙައްދުން 100 ފޫޓު ދުރަށް ރާޅު އަރާފައިވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ރަށުތެރެއަށް ރާޅުއަރާތީ މިއަދު ވަނީ އެރަށު ރައްޔިތުން ނުކުމެ ވެލިބަސްތާ ޖަހާފައެވެ.
މާލެ އަތޮޅުގެ ބައެއް ރަށްރަށަވެސް ވަނީ އުދައަރައި ރަށުތެރޭގައި ފެންބޮޑުވެފައެވެ. އެގޮތުން ތުލުސްދޫއަށް އުދައަރައި ބައެއް ގެތަކަށް ލޮނުގެ އަސަރުކޮށްފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެރަށުގައި ރައްޔިތުން ނިކުމެވަނީ ވެލިބަސްތާ ޖަހާފައެވެ.
އަދި ދިއްފުށްޓަށްވެސް އުދައަރައި އެރަށުގެ ސްކޫލު ތެރޭގައިވެސް ފެންބޮޑުވެފައިވެއެވެ. އަދި ބައެއް ގޭގެގއަށް ލޮނުގެ އަސަރުކޯށްފައިވާއިރު އެރަށަށް އެންމެ ބޯޑަށް އުދައަރާފައިވަނީމިއަދު މެންދުރުއެވެ.
ކުރިއައްއޮތް 24 ގަޑައިރުވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުން އެކަށިގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ވިދާޅުވެފައެވެ. މިދުވަސްވަރު މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ތަފާތު ޙާދިސާތަށްވެސް ވަނީ ހިނގާފައެވެ. އުޅަނދު ފަހަރު ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދުފަހަރު ބަންޑުން ޖަހާލައިގެން އެކި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދެވުމަށާއި މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ދަތުރުކުރާ ފަރާތްތަކުން އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި އަދި ދިޔަހިއްކާ ޕަންޕުފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވަމެވެ. އަދި ޚާއްސަކޮށް ކުދި އުޅަނދަފަހަރުގައި ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.