ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށް ފޮނުވި 28 މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެހެން އެންމެންގެ ބޭސްފަރުވާ ފަށާފައިވާކަމަށާ، އިތުރު 90 މީހަކު އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އެދިފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދަޅުވީ، އިންޑިއާއަށް އިތުރު ފަރުވާއަށް ދިޔަ މީހުންގެ ތެރެއިން 3 މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށެވެ. އެންމެ މީހެއް ފިޔަވައި އެހެން އެންމެން ބޭސްފަރުވާ ފަށާފައިވާކަމަށާ، އެކެއްގެ ފަރުވާ ނުފެށިވަނީ އޭނާ އޮޕަރޭޝަން ފެށުމުގެ ކުރިން އިތުރު ވަގުތުކޮޅެއް ބޭނުންވާތީ ކަމަށްވެސް ޑޮކްޓަރ ނަޒްލާ ވިދަޅުވިއެވެ.
ޑޮކްޓަރ ވިދާޅުވީ، އާސަންދަ މެދުވެރިކޮށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އިތުރު 90 މީހަކު އެދިފައިވާކަމަށާ، އެމީހުންގެ އިތުރު މަޢުލޫމާތު ހޯދުމަށް އެމީހުންގެ ޢާއިލާތަކަށް އާސަންދައިން ގުޅަމުން ގެންދާނެކަމަށެވެ. ކޯވިޑް-19އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވުމާ ގުޅިގެން އިންޑިއާ ރައްޔިތުން ނޫން އެހެން މީހުންނަށް އެޤައުމަށް މިވަގުތު ނުވަދެވެއެވެ. އެހެންނަމަވެސް އެހެން ޤައުމުތަކަށް އަދި ދީފައިނުވާ ޚާއްސަ ހުއްދައެއްގެ ދަށުން އާސަންދައިގެ ދަށުން ފަރުވާކުރަމުންދާ ހާލުދެރަ ބަލި މީހުން އިންޑިއާއަށް ގެންދިޔުމަށް އިންޑިއާއިން ދިން ފުރުސަތުގައި 28 ބަލި މީހަކު މިހާރު ވަނީ އިންޑިއާއަށް ގޮސްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.
ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭތީ، ފަރުވާއަށް ދާ ދިވެހިންވެސް ކަރަންޓީނު ފުރިހަމަކުރަން ޖެހެއެވެ. އިންޑިއާ ސަރުކާރާއެކު ފޮރިން މިނިސްޓްރީން ކުރި މަޝްވަރާތަކަށްފަހު ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީންވުމުގެ ފުރުސަތު ވަނީ ދިވެހިންނަށް ދީފައެވެ.
ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތައް އިންޑިއާއަށް ގެންދިޔުމަށް ލިބުނު ޚާއްސަ ހުއްދައިގެ ދަށުން ބަލިމީހުން އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް އާސަންދަ ކުންފުންޏާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ދަނީ ކުރަމުންނެވެ. ރާއްޖެއިން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު ދިވެހިންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ވަނީދީފައެވެ.