ޚަބަރު

ކޯވިޑް-19 : ބަލިން ރަނގަޅުވީ މީހުންގެ ޢަދަދު ދެހާހުން މައްޗަށް!


ކޯވިޑް-19އިން ރާއްޖޭގައި ރަނގަޅުވި މީހުންގެ ޢަދަދު ދެހާހުން މައްޗަށް އަރައިފިއެވެ. އެޗްޕީއޭއިން ޢާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބު ދައްކާގޮތުން ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި ރަނގަޅުވެފައިވަނީ 54 މީހުންނެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިހާރު ވަނީ 2030އަށް އިތުރުވެފައެވެ.

ރާއްޖޭގައި މިބަލިން ރަނގަޅުވާ މީހުންގެ ޢަދަދު މިހާރު އިތުރުވެފައިވާއިރު، ބަލީގައި ފަރުވާ ދެމުންދާ މީހުންގެ ޢަދަދު މިހާރު ވަނީ ހަތަރު ސަތޭކައިން ދަށަށް ޖެހިލާފައެވެ. އެގޮތުން މިހާރު ކޯވިޑް-19އަށް ފަރުވާދެވެމުންދަނީ 390 މީހުންނަށެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙަލަތު ރަނގަޅުވާތީ، އެކަމަށް ރިޢާޔަތްކޮށް ވަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ޢާންމުން ބޭރަށް ނިކުމެ އުޅުމަށާއި، ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، މިމަހުގެ 15 ގައި ރާއްޖޭގެ ބޯޑރުތައް ހުޅުވާލައި އިޤްތިޞާދު ފަށައިގަތުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ފާއިތުވި 24 ގަޑިއިރު 54 މީހުން ބަލިން ރަނގަޅުވީއިރު، މިއީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިބަލިން އެންމެ ގިނަމީހުން ރަނގަޅުވި އެއްދުވަހެވެ.