ޚަބަރު

ޝަރުތުހަމަނުވާ މީހުން ދީނީ ފަތުވާދޭތީ އޮޅުންއަރާ - މައުމޫން


ފަތުވާ ދިނުމަށް ޝަރުތު ހަމަނުވާ ބައެއް މީހުން ދީނީ ފަތުވާ ދެމުންދާތީ ދީނީ ކަންކަމުގައި ގިނަބަޔަކަށް އޮޅުން އަރަމުންދާކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ދީނީ ހައްދުފަހަނައެޅުންތަކާ ދެކޮޅަށް ބާއްވާ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވަޑައިގެންނެވުމަށްފަހު ރާއްޖެވަޑައިގެން އެއަރޕޯޓްގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ދީނީ އެކި މައްސަލަތަކުގައި ފަތުވާ ދެއްވުމުގައި ޝަރުތު ހަމަނުވާ މީހުން ދީނީ އެކި މައުޟޫޢުތަކަށް ވާހަކަދެއްކެވުމުގެ ސަބަބުން ވަކިފަރާތަކަށް ޖެހިފައިވާ ދީނީ ފަތުވާތަށް ދޭ މައްސަލައަށް މި ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށެވެ.އަދި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުން ވަކި ކަމެއް ހާސިލްކުރުމަށް ފަތުވާ ދެމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ މީހުން ދީނުގައި އަސްލު ބަޔާންކޮށްފައިވާ ގޮތާ ޚިލާފްވާގޮތަށް ފަތުވާ ދިނުމާ ގުޅިގެން ދީނުގެ ހުކުމްތައް އާންމުންނަށް އޮޅުން އަރާކަމަށާއި، މިމައްސަލަ ރާއްޖޭގައިވެސް ދިމާވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.މިބައްދަލުވުމުގައި މިފަދަކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް މިބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ޢިލްމުވެރިން އެއްބަސްވެފައިވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެގޮތުން މިފަދަކަންކަން ހައްލުކުރުމަށް މިސްރުގައި ވަކި އޮފީގެއް ޤާއިމު ކުރުމަށް އެއްބަސްވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ފަތުވާ ދިނުމާ ބެހޭ ބައިނަލްއަޤުވާމީ ޗާޓަރެއް ހެދުމަށް މިބައްދަލުވުމުގައި ނިންމާ، ފަތުވާ ދިނުމުގެ ތަޢުލީމީ ފެންވަރު ނުވަތަ އަޙްލާޤީ ފެންވަރު ނެތް މީހުންނަށް ފަތުވާ ދިނުމުގައި ހަރަކާތްތެރި ނުވެވޭގޮތަށް އެޗާޓަރުގައި ހިމަނާފައިވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ފަތުވާ ދިނުމާ ބެހޭ ޓްރެއިނިންގ ކޯސްތަށް މިސްރުގައި ހިންގުމަށް މިބައްދަލުވުމުގެ ބައިވެރިންގެ މެދުގައި އެއްބަސްވުމަކަށް އައިސްފައިވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.މިސްރުގައި ކުރިއަށްދިޔަ ބައިނަލްއަޤުވާމީ މިކޮންފަރެންސްގައި ދުނިޔޭގެ ޤައުމުތަކުގެ ފުންނާބު އުސް ދީނީ ޢިލްމުވެރިންނާއި މުފްތީންވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސް މައުމޫންގެ މިދަތުރުފުޅުގައި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއާ ވަނީ ބައްދަލުކުރައްވާފައެވެ.