ވިޔަފާރި

38 އަށްވުރެ ގިނަ ފްލައިޓް ކެންސަލްވި- އޭވިއާ މޯލްޑިވްސް


މިއަހަރުގެ މިހާތަނަށް އޭވިއާ މޯލްޑިވްސް މެދުވެރިކޮށް ރާއްޖެ އަންނަން ބުކިން ހެއްދި 38 އަށްވުރެ ގިނަ ފްލައިޓް ކެންސަލްވެފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެންޕްލޯޔަރސް އިން ބޭއްވި ޑައިލޮގެއްގައި ވާހަކަދައްކަވަމުން އޭވިއާ މޯލްޑިވްސްގެ ގްރައުންޑް އޮޕަރޭޝަންސް ޑައިރެކްޓަރ އަޙްމަދު އަރުޝަދު ވިދާޅުވީ، ކޯވިޑް19އާ ގުޅިގެން މިއަހަރުގެ މޭމަހުގެ ނިޔަލަށް ޕްލޭންކޮށްފައިހުރި ގިނަ ޕްލައިޓްތައް ކެންސަލްވެފައިވާކަމަށެވެ. އަދި ޕެބްރުއަރީ މަހާއި މަރޗް މަހުގެ ތެރޭގައި ޕްލޭންކޮށްފައި ހުރި ހުރިހާ އޮޕަރޭޝަނެއް ހުއްޓިފައިވެއެވެ. އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖެއަށް އަންނަން ބުކިންގ ހަދާފައިވާ ފުލައިޓްތަކުގެ ތެރެއިންވެސް 38 އަށްވުރެ ގިނަ ފްލައިޓް ކެންސަލްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އަންނަ ޖެނެރަލް އޭވިއޭޝަން ޕްލައިޓްސްތައް (ޕްރައިވެޓް ޖެޓްތަކާއި، ވީއައިޕީ ޕްލައިޓްތައް) އަހަރުން އަހަރަށް އިތުރުވަމުން އަންނަކަމަށް އަރުޝަދު ވިދާޅުވިއެވެ. އެގޮތުން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 15 އިންސައްތައާއި 20 އިންސައްތައާއި ދެމެދުގެ އަދަދަކަށް މިފަދަ ފުލައިޓްތައް އަންނަ މިންވަރު އިތުރުވަމުން އައިސްފައިވެއެވެ.

މިއަހަރު ރާއްޖެ އަންނަން ބުކިން ހަދާފައިވާ 150 އަށްވުރެ ގިނަ ޕްރައިވެޓް ޕްލައިޓްތައް ކެންސަލްވެފައިވުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު އިތުރުކުރުމަށްކަމަށް އޭވިއާ މޯލްޑިވްސް އިން ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގެ އޭވިއޭޝަންއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެފަރާތްތަކާއި ހިއްސާކުރަމުން އަންނަކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ބައެއް ފަރާތްތަކުން މިހާރުވެސް ބުކިންގ ހައްދަމުން އަންނަކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.