ކޯވިޑް-19

އިތުރު ދިވެހިންނަށް ބޭސްފަރުވާއަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަޤީކަންދީފި


ރާއްޖެއިން ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު ދިވެހިންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދެއްވައިފިއެވެ.

މި ޔަޤީންކަން ދެއްވާފައިވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ފޮރިން މިނިސްޓަރ ﷲޢަބްދު ޝާހިދު އާއެކު މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

ކޯވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވުމާ ގުޅިގެން އިންޑިއާ ރައްޔިތުން ނޫން އެހެން މީހުންނަށް އެޤައުމަށް މިވަގުތު ނުވަދެވެއެވެ. އެހެންނަމަވެސް އެހެން ޤައުމުތަކަށް އަދި ދީފައިނުވާ ޚާއްސަ ހުއްދައެއްގެ ދަށުން އާސަންދައިގެ ދަށުން ފަރުވާކުރަމުންދާ ހާލުދެރަ ބަލި މީހުން އިންޑިއާއަށް ގެންދިޔުމަށް އިންޑިއާއިން ދިން ފުރުސަތުގައި 28 ބަލި މީހަކު މިހާރު ވަނީ އިންޑިއާއަށް ގޮސްފައެވެ. ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ކަރަންޓީންވާން ޖެހޭތީ، ފަރުވާއަށް ދާ ދިވެހިންވެސް ކަރަންޓީން ފުރިހަމަކުރަން ޖެހެއެވެ. އިންޑިއާ ސަރުކާރާއެކު ފޮރިން މިނިސްޓްރީއިން ކުރި މަޝްވަރާތަކަށްފަހު ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީންވުމުގެ ފުރުސަތު ވަނީ ދިވެހިންނަށް ދީފައެވެ.

ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތައް އިންޑިއާއަށް ގެންދިޔުމަށް ލިބުނު ޚާއްސަ ހުއްދައިގެ ދަށުން ބަލި މީހުން އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް އާސަންދަ ކުންފުންޏާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.