ޚަބަރު

ސަފާރީގައި ޖިންސީ އަނިޔާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ޝަރީޢަތާހަމައަށް ގެންދެވޭނެކަމުގެ އުންމީދު އެބައޮތް - ފުލުހުން


ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރިކަމަށް ހުށަހަޅާފައިވާ މައްސަލައަކީ ތަޙްޤީގުކޮށް ޝަރީޢަތައް ގެންދެވޭނެ މައްސަލައެއްކަމަށް އުންމީދުކުރައްވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައިއޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރިކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މިމައްސަލާގައި ފުލުހުން ޢަމަލުކޮށްފައިވަނީ ފުލުހުންގެ އިޖުރާޢަތްތަކާ އެއްގޮތައްކަމަށެވެ.

ބަޝީރު ވިދާޅުވީ މިމައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ މިފަދަ އެހެން މައްސަލަތަކުގައިވެސް ޢަމަލުކުރާގޮތަށް އެވަގުތަށް ލިބިފައިހުރި ހެކިތަކާއި ބެލިބެލުމުން އެމީހުން ދޫކޮށްލައިގެން މައްސަލައިގެ ތަހުގީގަށް އިތުރަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވިގެންކަމަށެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ހުށައަޅާފައިވާ މައްސަލައިގައި މިހާތަނަށް އަޅާފައިވާ އެއްވެސް ފިޔަވަޅެއް އެޅުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ފުލުހުންނަށް ކުރިމަތިވެފައިނުވާކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާލާނަން އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން މިމައްސަލައިގެ އެއްވެސް ޑިސިޝަނެއް މިހާތަނަށް ނަގާފައެއްނުވޭ. މިމައްސަލާގައި ޖެޓީއާ ހަމައިން ބަޔަކުފެނިގެން ކުށެއް ހިނގައިފިކަމަށް އެވަގުތު އެތަނަށް ދިޔަ ފުލުހަކަށް ލިބުނު މަޢުލޫމާތުގެ މައްޗަށް އޭނަގެ ވިސްނުމަށް. މީހުން ހައްޔަރުކުރީވެސް ހަމައެގޮތަށް. ޑޮކްޓަރަށް ދެއްކުމާއި ބަޔާންތައް ނެގުމާއި އޭގެފަހުން ހިނގި ހުރިހާކަމެއްވެސް އެކަމެއްކުރުމަށް ތިބިބަޔަކު އެބައެއްގެ ކުރިމައްޗަށް ގެނެވުނު މަޢުލޫމާތުގެ މައްޗަށް ބުރަވެ، އެއްވެސް ނުފޫޒެއް ބިރެއްނެތި ނަގާފައިވާ ޑިސިޝަނެއް އެއީ." ބަޝީރު ވިދާޅުވިއެވެ.

ފުުރަތަމަ އެވަގުތު މައްސަލާގައި އަނިޔާ ލިބުނު މީހާ ޑޮކްޓަރަށް ދައްކަން ދެކޮޅުހެދިނަމަވެސް ފަހުން އޭނާގެ ޑޮކިއުމެންޓްގެނެސް ޑޮކްޓަރަށް ދައްކައި، ތުހުމަތުކުރެވޭ މީހުންނާއި ވިކްޓިމް ވަކިން ބައިތިއްބައިގެން މައްސަލަ ތަޙްޤީގުކުރިކަމަށް ފުލުހުންވަނީ މިއަދުގެ ކޮމިޓީގައި ވިދާޅުވެފައެވެ.

މިމައްސަލާގައި ފުލުހުން އަމަލުކުރި ގޮތް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނާއި ހިއުމަންރައީސް ކޮމިޝަނުންވެސް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.