ބޭންކް އޮފް މޯލްޑިވްސްއަށް 50 މިލިއަން ޑޮލަރުގެ ލޯނެއްދޭން އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ނިންމައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ވޯލްޑް ބޭންކު ގްރޭޕްގެ މެންބަރެއްކަމަށްވާ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން މި ލޯނުދެނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަށްޓަކައިކަމަށެވެ.
ބީއެމްއެލްއިން މި ލޯނު ދޫކުރާނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީފޯރުކޮށްދިނުމަށާއި، ވަޒީފާތައް ގެއްލިގެން ދިޔުމުން ރައްކާތެރިކަން ހޯދައިދިނުމަށެވެ. އަދި ކޯވިޑް-19ގެ ސަބަބުން އިގްތިސާދަށްކުރަމުންދާ ނޭދެވޭ އަސަރުކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް މި ލޯނު ދޫކުރާނެކަމަށް އެ ބޭންކުން ބުނެއެވެ.
3 ފިޔަވައްސަކަށް ބަހާލައިގެން ދޫކުރާ 50 މިލިއަން ޑޮލަރުގެ ތެެރެއިން އައި.އެފް.ސީން ފުރަތަމަ ދޫކުރާނީ 20 މިލިއަން ޑޮލަރެވެ.
މިއީ އައިއެފްސީގެ ފަރާތުން ގައުމުތަކަށް އެހީތެރިވުމަށް ހިންގޭ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރެވޭ ލޯނެކެވެ. މި ލޯނުގެ ސަބަބުން ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތައް ހިންގުމަށް ވަރަށް މުހިންމުވެފައިވާ ފައިސާ އެ ވިޔަފާރިތަކަށް ލިބި، އެކަމުން އެ ފަރާތްތަކަށް ނަފާލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް އިން މިހާރުވެސް ވަނީ ރިސޯޓް އަދި ގެސްޓް ހައުސްތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ޝޯޓް ޓަރމް ފައިނޭންސިންގ ޕްރޮގްރާމެއް ތައާރަފްކޮށްފައެވެ.
އައިއެފްސީއިން ވަނީ 1983 ވަަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޕްރައިވެޓް ސެކްޓަރއަށް އެހީވުމަށް 200 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އިންވެސްޓްކޮށްފައެވެ.