ޚަބަރު

އޭދަފުށީގައި ހެދި ކޯވިޑް ސެންޓަރގެ އިންސްޕެކްޝަން ނިމި ޓެސްޓް ހެދުމަށް ތައްޔާރުވެއްޖެ


ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމް ކުރާ ކޯވިޑް19 އަށް ފަރުވާދޭ ސެންޓަރުތަކުގެ ތެރެއިން ބ.އޭދަފުށީގައި ހެދި ސެންޓަރގެ މަސައްކަތް ނިމި ޓެސްޓްތައް ހަދަން ތައްޔާރުވެފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އަތޮޅުތަކުގައި ހަދާ މިސެންޓަރުތަކުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އައިޖީއެމްއެޗުންނެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ހަދާ މަރުކަޒުގެ ތަކުގެތެރެއިން ނ.ރ.ބ އަދި ޅ. އަތޮޅަށް ކަނޑައަޅައިގެން ބ.އޭދަފުށީގައި ހަދާފައިވާ ސެންޓަރުގެ މަސައްކަތްނިމި ޓެސްހެދުމަށް ތައްޔާރު ވެފައިވާއިރު، މުވައްޒަފުންގެ ދަތިކަމާ، މެޝިނަރީސްތައް ބޭނުން ކުރުމުގެ ތަމްރީން އެ މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބިފައި ނެތުމުގެ ދަތިކަން އޮތްކަމުގައި އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އިންސްޕެކްޝަނަށްފަހު މުވައްޒަފުންނާއި ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކަމާ ގުޅުންހުރި އިދާރާތަަކާގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.
މިއީ ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ދިނުމަށް ހަދާ 5 ސެންޓަރުގެ ތެރެއިން މިއަދާއި ހަމައަށް އިންސްޕެކްޝަން ނިމުނު ފުރަތަމަ މަރުކަޒެވެ.

ކޮވިޑް 19ގެ ބަލި މީޙުންނަށް ފަރުވާދިނުމަށް ބ.އަތޮޅު ހޮސްޕިޓަލްގައި 20 އައިސީޔޫ އެނދު ވަނީ ބަހައްޓާފައެވެ. އަދި ބ އަތޮޅު ޓީއާރުސީގައިވެސް ވަނީ ކޯވިޑް-19 އަށް ހާއްސަކޮށް މަރުކަޒެއް ހަދާފައެވެ. އެ ތަން ހަދާފައިވަނީ 30 އެނދުގެ އައިސޮލޭޝަން ފެސިލީޓީއެއްގެ ގޮތުގައެވެ.