ސްރީލަންކާގައި ރާއްޖެ ނާދެވިފައިތިބި އިތުރު 200 ދިވެހިން ގެންނަން ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެއްސި ދަތުރު ފަސްކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޤައުމީ އެއަރލައިންގެ ޚާއްސަ ފްލައިޓެއް ބުރާސްފަތި ދުވަހު ލަންކާއަށް ހަމަޖެއްސިނަމަވެސް ފޮރިން މިނިސްޓްރީން ވިދާޅުވި އެދަތުރު މިހާރު ފަސްކޮށްފައިވާކަމަށާއި، އައު އާންމު ހަލަތަށް ރުޖޫއަވާން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި އެދަތުރު ބާއްވާ ދުވަހެއް ޔަޤީންވުމުން އަންގާނެކަމަށެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްރީލަންކާގައި ރާއްޖެ ނާދެވި ތާށިވެފައިތިބި 100އެއްހައި ދިވެހިން އޭޕްރީލް މަހުގެ 4ވަނަ ދުވަހުވެސް ވަނީ ރާއްޖެ ގެނެސްފައެވެ.
މީގެ އިތުރުން ބޭސްފަރުވާ ނިންމުމަށްފަހު ރާއްޖެ ނާދެވި އިންޑިއާގައި ތާށިވެފައި ތިބި 91 ދިވެހިން މިއަދުވަނީ މޯލްޑިވިއަންގެ ފްލަިއޓެއްގައި ރާއްޖެ ގެނެސްފައެވެ. މޯލްޑިވިއަނުން ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބޭރުގެ ޤައުމުތަކުގައި ރާއްޖެއަށް ނާދެވިފައިތިބި ދިވެހިން ގެނައުމަށް މިހާތަނަށް 38 އަށްވުރެ ގިނަ ދަތުރުކޮށް، 4000 އަށްވުރެ ގިނަ ދިވެހިން ރާއްޖެއަށް ގެނެސްފައިވާކަމަށެވެ.