ރަށް ގިރުމުގެ ސަބަބުން ޖެޓީ ރަށާއި ވަކިވި، ނ.ފޮއްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަސްތެރޭގައި ނިންމާލެވޭނެ ކަމުގައި އެމްޓީސީސީއިން ބުނެފިއެވެ.
ފޮއްދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހުއެވެ. އަދި އީއައިއޭ އެޕްރޫވަލް ލިބި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މާޗުމަހުއެވެ.
އެމްޓީސީސީން ބުނެފައި ވަނީ ޕްރޮޖެކްޓްގެ ދެބައިކުޅަ އެއްބައި މަސައްކަތް މިހާރު އެއްކޮށް ނިމިފައި ވާކަމަށެވެ.
ފޮއްދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތުގެދަށުން އެރަށުގެ ގޮނޑުދޮށުން 180 މީޓަރު ސަރަޙައްދުގައި ޖިއޯބޭގް ނުވަތަ ވެލިބަސްތާ ޖަހައިގެން ޙިމާޔަތްކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަސައްކަތުގެދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށުން ގިރާފައިވާ ސަރަޙައްދަށް ފަސް އެޅުމުގެ މަސައްކަތާއި އަދި ޖިއޯ ބޭގަށް ވެލި އަޅައި ވެލި ބަސްތާތައް ޖެހުމަށް ތައްޔާރުވުމުގެ މަސައްކަތެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ. ނ.ފޮއްދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތަކީ 7.6 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.
ލަފާފުރުމަށް ފޮއްދޫގައި ބޭނުންކުރަމުން އަންނަނީ ޖެޓީއެކެވެ. ނަމަވެސް މޫސުންގޯސްވެ އުދައަރައި ރަށް ގިރުމުގެ ސަބަބުން ޖެޓީދަށުން ވެލިގަނޑު ދެމިގެން ގޮސް ޖެޓީ ވަނީ ރަށާއި ވަކިވެފައެވެ. އެއާއި ގުޅިގެން އަރައި ފޭބުމުގައި އެރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތިދަތިތަކަކާއި ކުރިމަތިވެފައެވެ.
ނ ފޮއްދޫގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެރަށުގެ ޖެޓީ އޮންނަ ރަށުގެ އިރުމަތީ ފަރާތުންނެވެ.