ޚަބަރު

ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރޗްމަހު ކުރީކޮޅު ބޭއްވުމަށް މަޝްވަރާކުރަނީ


ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރޗްމަހުގެ ކުރީކޮޅު ބޭއްވުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިކާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމާއި ގުޅޭގޮތުން އެކޮމިޝަންގެ މެންބަރުންގެ މެދުގައި ނުރަސްމީ މަޝްވަރާތަކެއް މިހާތަނަށް ކުރެވިފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވުމަށް ކޮމިޝަންގެ މެންބަރުންނަށް އިއްތިފާޤުވެވަޑައިގަންނަވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހުރިހާ މެންބަރުންނަށް އިއްތިފާޤުވެވޭ އެއްކަމަކީ އިންތިޚާބު ބާއްވާ ނިންމަންޖެހޭނޭ މިއަންނަ އަހަރުގެ ރޯދަމަސް ކުރިން. ރޯދަަހުގެ ކުރިން ދެވަނަ ބުރުވެސް ނިންމަންޖެހޭނޭ. އޭޕްރީލް މަހުގެ 12އަށް ރޯދަމަސް ފޯލްވާނެކަމަށް ހަނދާންވަނީ. އަދި ވަކި ތާރީޚެއް ކަނޑައެޅީކީއެއް ނޫން އިނގޭތޯ. އަދި އަޅުގަނޑުމެން މަޝްވަރާކޮށް ނިންމީކީ ނޫން. ބޮޑަށް ބުރަވެވެނީ މާރޗުމަހުގެ ތާރީޚެކޭ އަޅުގަނޑުމެންނަށް ކަނޑައެޅޭނީ މިހާރުގެ ޙާލަތަށްބަލާ އަޅުގަނޑުމެންގެ މަސައްކަތްތައް ރާވަމުންދާގޮތަށް ބަލާއިރު. އެހެންކަމުން މާޗްމަހުގެ ކުރީކޮޅު އިންތިޚާބު ބާއްވަން ވާހަކަދެކެވެމުންމިދަނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ޤާނޫނުގައި ލާޒިމްކުރާ މުއްދަތުގެ ތެރޭގައި ބާއްވާނެ ތާރީޚެއް ކަނޑައަޅާނެކަމަށް ވިދާޅުވެފައެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ކުރިން އިޢުލާންކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 4ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން މިއިންތިޚާބު ވަނީ ފަސްކޮށްފައެވެ.

އެގޮތުން ލޯކަލް ކައުންސިލްތަކާއި ބެހޭ ޚައްޞަ ޤާނޫނެއް ވަނީ ކައުންސިލް އިންތިޚާބު ނިމުމާއި ހަމައަށް ޢަމަލުކުރާގޮތަށް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައެވެ. މި ޤާނޫނުގައި ބަޔާންކުރާގޮތުން ޤާނޫނު ތަސްދީޤުކުރައްވާ ތާރީޚުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބާއްވަންޖެހެއެވެ. އެހެންކަމުން އަންނަ އަހަރުގެ މާރޗް މަހުގެ 10ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.