ވިޔަފާރި

މާލޭގައި "އާބަން ގާޑްނިންގ" މޮޑެލްއެއް ތަޢާރަފް ކުރަނީ


މާލޭގައި "އާބަން ގާޑްނިންގ" މޮޑެލްއެއް ތަޢާރަފްކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިއީ "ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތެއްކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުސްބިމެއް ނުވަތަ ޓެރަސްއެއް ފަދަ ތަނެއްގައެވެ. ތަޢާރަފް ކުރެވޭ މޮޑެލް ބިނާވާނީ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހޭ ތަނެއްގެ ބޮޑު ކުޑަމިނެއްގެ މައްޗައްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެއެވެ. ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ.

މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދާ އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ. މި ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ފޯރުކޮށްދޭނީ މިނިސްޓްރީގެ ފަރާތުންނެވެ.

މިޕްރޮގްރާމްގެ ދަށުން ޤާއިމްކުރާ މޮޑެލް ގާޑަން އެފަރާތެއްގެ އަމިއްލަ ބިމުގައި ނުވަތަ އިމާރާތުގެ ޓެރަސްގައި ޤާއިމްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 25 ޖޫން ވަނަ ދުވަހުގެ މެންދުރު 1400 އެވެ.

މި ޕްރޮގްރާމުގެ އަމަލީ މަސައްކަތް ފަށާނީ ކޮވިޑް19 އާއި ގުޅިގެން ކުރިއަށްދާ ފުރަބަންދުގެ ހާލަތު ނިމި، އާންމު ހާލަތަށް ރުޖޫއަވުމުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ބިމެއް ނުވަތަ ޓެރަސްއެއް ޚިޔާރުކުރުމުގައި އެ މިނިސްޓްރީން ބަލާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
• ހުށަހަޅުއްވާ ބިމަށް ނުވަތަ ޓެރަސްއަށް ވަދެ ނިކުތުމަށް ފަސޭހަ މިންވަރު
• ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްގެ ސެކިޔުރިޓީ ބަލަހައްޓާ މިންވަރު
• މިނިސްޓްރީން ޤާއިމްކުރާ މޮޑެލް އާންމުންނަށް ދައްކާ ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތައް
• ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްއިން ޖާގަ ލިބެން އޮތް މިންވަރު
• މޮޑެލް ގާޑަން ޤާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރު
• މޮޑެލް ގާޑަން ޤާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު އަވައްޓެރިންނަށާއި އެހެނިހެން އާންމުންނަށް ފަހިކޮށްދިނުމަށް ހުށަހަޅާ ގޮތް އަދި މިންވަރު

ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްއަށް މޫދު ލޮނުގެ އަސަރުކުރާ މިންވަރު، އަވި ލިބޭ ނިސްބަތަށް ބަލާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.