ތަޢުލީމު

ޣިޔާސުއްދީން ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާ


ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ. އެގޮތުން ރޭ އިނާމް ދީފައިވަނީ އެ ސްކޫލްގެ ގްރޭޑް ފަހަކާއި ދިހައަކާ ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ. ގްރޭޑް އެކަކާއި ހަތަރަކާއި ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިރޭ ކަމަށް އެ ސްކޫލުން  މައުލޫމާތުދެއެވެ. ރޭގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ  ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ ފައްވާޒު ޝަރީފެވެ. މި ޖަލްސާގައި ވަކި ވަކި ގްރޭޑްތަކުން އެކި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމުތައް ދީފައިވާއިރު، ގްރޭޑް ދިހައެއްގެ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދިހަ ދަރިވަރުންވެސް ވަނީ ހޮވާފައެވެ. އަދި އޯލެވެލް އިމްތިހާނުން ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ދަރިވަރުންނަށްވެސް އިނާމު ދީފައިވެއެވެ. ޖަލްސާގެ ޝަރަފްވެރި މެހްމާން ޑރ ފައްވާޒު ޝަރީފް ދެއްކެވި ވާހަކަފުޅުގައި ކުދިންގެ އަހުލާގް ބައްޓަން ކުރަންވީ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސްޕަލް ޠާހާާ ސަލީމް ދެއްކެވި ވާހަކަފުޅުގައި ސްކޫލުން ހޯދަމުންދާ ކާމިޔާބީތައް ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލްގެ އަމާޒަށް ވާސިލްވުމަށް ޒަމާނާއި ގުޅޭ ތައުލީމީ ބިންގަލެއް އެޅުމަށް ކުރެވެމުންދާ މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ. އިނާމު ދިނުމުގެ ޖަލްސާގައި ވަނީ މުނިފޫހިފިލުވުމުގެ ގޮތުން ދަރިވަރުންގެ ގިނަ އައިޓަމްތަކެއްވެސް ހުށައަޅައިދީފައެވެ.