ޚަބަރު

ރާއްޖެއިން 33،000 ސާމްޕަލް ނަގައި ޓެސްޓްކޮށްފި


ރާއްޖެއިން ކޯވިޑް 19އަށް ޓެސްޓްކުރުމަށް މިހާތަނަށް 33 ހާހަށްވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓްކޮށްފި

ބައްޔަށް ޝައްކުވާ މީހުންގެ އިތުރަށް، މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ބެލުމަށްވެސް މިހާރު ދަނީ ސާމްޕަލް ނަގަމުންނެވެ.

ކޯވިޑް19އާއި ގުޅިގެން ރާއްޖޭގައި ކުރަމުން އައި މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ފަށާފައި ވަނީ ފެބްރުއަރީމަހުން ފެށިގެންނެވެ.

ކޯވިޑް-19 ބަލި ދުނިޔޭގައި ފެތުރެން ފެށުމާއި ގުޅިގެންނާއި، އަދި ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވުމާއިއެކު ސަރުކާރުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފެށިއެވެ.

އެގޮތުން ކޯވިޑް ޓެސްޓް ކިޓާއި، އަދި ޕީޕީއީ ފަދަ އެހެނިހެން ސިއްޙީ ސާމާނު ހޯދުމުގެ މަސައްކަތް ފެށިއެވެ. މި މަސައްކަތުގެ ދަށުން ކޯވިޑް19އަށް ޓެސްޓްކުރާ ކިޓާއި ޕީޕީއީ ރާއްޖެއަށް އެންމެ ފުރަތަމަ ޑަބްލިއުއެޗްއޯއިން ހަދިޔާކޮށްފައި ވަނީ ފެބްރުއަރީމަހުގެ 29ވަނަ ދުވަހުއެވެ. މި ބުރުގައި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް 1000 ކިޓް ހަދިޔާކުރިއެވެ.

ރާއްޖޭގައި ކޯވިޑް19އަށް އެންމެ ފުރަތަމަ މީހަކު ޓެސްޓްކޮށްފައި ވަނީވެސް ފެބްރުއަރީ މަހުގެ 29ވަނަ ދުވަހުއެވެ. ބައްޔަށް ފުރަތަމަ ޓެސްޓްކުރީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ ނިއުމޯނިއާ ޕޭޝަންޓެކެވެ. އެ ޓެސްޓްގެ ނަތީޖާވަނީ ނެގެޓިވްވެފައެވެ. އަދި މަރޗްމަހުގެ 7 ވަނަ ދުވަހު 3 ރިސޯޓަކުން މީހުން ޓެސްޓްކުރިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް 19ގެ ޕޮސިޓިވް ކޭސްއެއް ފެނުނީ މަރޗްމަހުގެ 7 ވަނަ ދުވަހު ރިސޯޓަކުން ނެގި ސާމްޕަލަކުންނެވެ. ފުރަތަމަ ކޭސް ފެނުނީ ރާއްޖެއިން ފުރަތަމަ ނެގި 33 ސާމްޕަލްގެ ތެރެއިންނެވެ.

ކޯވިޑް 19ގެ ކޭސްއެއް ރާއްޖެއިން ފެނުނުތާ 3 މަސްވެފައިވާއިރު މިހާތަނަށް ޕޮސިޓިވްވި މީހުންގެ އަދަދުވަނީ ދެހާހުން މައްޗަށް އަރާފައެވެ.

ކޯވިޑް 19އާއި ގުޅިގެން މިހާތަނަށް ރާއްޖެއިން 33،300 އަށްވުރެ ގިނަ ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުންބަލާއިިރު އެންމެ ގިނަމީހުން ބައްޔަށް ޓެސްޓް ކުރެވެމުން އަންނަ ޤައުމެކެވެ.

ރާއްޖޭގައި ނަގާފައިވާ 33000 ސާމްޕަލްގެތެރޭގައި އަލަށް ސާމްޕަލް ނަގައިގެން ޓެސްޓް ހަދާމީހުންނާއި، އަދި ބައްޔާއި ގުޅިގެން ރިޕީޓްކޮށް ޓެސްޓްހެދުމަށް ނަގާ ސާމްޕަލްތައް ހިމެނެއެވެ.

ބަލީގެ އަލާމާތްތައް ހުންނަ މީހުންނާއި، އަދި ކޮންޓެކްޓް ޓްރޭސިންގއިން ފާހަގަވާ މީހުންނާއި، ފެސިލިޓީތަކަށް ގެންދާ މީހުންވެސް ބައްޔަށް ޓެސްޓްކުރެއެވެ. ކުރިން ބަލިން ރަނގަޅުވިކަން ކަނޑައެޅުމަށްވެސް ދެ ފަހަރުމަތިން ޓެސްޓްހަދައެވެ.

ރާއްޖޭގައި ބަލި އޮތް މިންވަރުބެލުމަށް މިހާރު ރެންޑަމް ސާމްޕަލް ނަގައިގެންވެސް ޓެސްޓް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.