ވިޔަފާރި

މިދިޔަމަހު މީރާއަށް ލިބުނު އާމްދަނީ 81 އިންސައްތަ ދަށްވެއްޖެ


ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މިރާއަށް މިއަހަރުގެ މޭމަހު ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ މޭމަހާއި އަޅާބަލާއިރު %81 ދަށްވެއްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މޭމަހުގެ ތެރޭގައި އެ އިދާރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ޖުމްލަ އަދަދަކީ 206.28 މިލިއަން ރުފިޔާއެވެ. މީގެތެރޭގައި ހިމެނޭ ޑޮލަރުން ބަލައިގަތް އާމްދަނީގެ އަދަދަކީ 7.03 މިލިއަން ޑޮލަރެވެ.

2019 ވަނަ އަހަރުގެ މޭމަހާއި އަޅާބަލާއިރު މިއަހަރުގެ މޭމަހު މީރާއަށް ބަލައިގަތް އާމްދަނީ ވަނީ ވަރަށް ބޮޑަށްވެސް ދަށްވެފައެވެ. މީރާއިން ބުނީ މިއަހަރުގެ މޭމަހު އެއިދާރާއިން ބަލައިގަތް އާމްދަނީ ދަށްވެފައިވަނީ ކޯވިޑް-19 އާއިގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ޓެކްސް ސުންގަޑިތައް ފަސްކޮށްފައިވާތީއާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ބޮޑުތަނުން ދަށްވެފައިވުމުންކަމަށެވެ.

މިއަހަރުގެ މޭމަހު މީރާއަށް ބަލައިގަތް 206.28 މިލިއަން ރުފިޔާގެ ތެރޭގައި ހިމެމެނީ ޓެކްސްގެ ގޮތުގައި ލިބުނު 158.1 މިލިއަން ރުފިޔާއާއި ޓެކްސް ނޫން ގޮތްތޮތުން ލިބުނު 48.2 މިލިއަން ރުފިޔާއެވެ.

ފާއިތުވި މޭމަހު ދައުލަތައް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. މީރާއަށް ބަލައިގަތް އާމްދަނީގެ %55 ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ.