ވިޔަފާރި

ދިރާގުގެ ފުރަތަމަ ވާޗުއަލް އޭޖީއެމްގައި ހިއްސާއަކަށް 12 ރުފިޔާ ބަހަން ފާސްކޮށްފި


ދިރާގުގެ ހިއްސާއަކަށް 12 ރުފިޔާ ބަހަން އެ ކުންފުނިން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ އެ ކުންފުނިން ބޭއްވި ފުރަތަމަ ވާރޗުއަލް އަހަރީ އާންމު ޖަލްސާގައެވެ.

ދިރާގުގެ 31 ވަނަ އަހަރީ އާންމު ޖަލްސާ ވަރޗުއަލްކޮށް ބާއްވާފައިވާއިރު މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާ އަކަށް 12 ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ. އެއީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 4.14 ރުފިޔާ އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 7.86 ރުފިޔާއެވެ.

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އޭޖީއެމްގައި 68 ހިއްސާދާރުން ބައިވެރިވެފައިވެއެވެ. މިއީ "ފަހިވޯޓް" މެދުވެރިކޮށް ކުންފުންޏަކުން ބޭއްވި ފުރަތަމަ ވަރޗުއަލް އަހަރީ ޢާންމު ޖަލްސާވެސްމެއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އޭޖީއެމް ވާޗުއަލްކޮށް ބާއްވާ ނިންމާލެވުމަކީ ޑިޖިޓަލް މުސްތަޤުބަލަކަށް އެޅުނު މުހިންމު ބިންގަލެއްކަމުގައެވެ. އަދި އޮންލައިންކޮށް ޖަލްސާ ބޭއްވުމުން ރާއްޖޭގެ އެކި ހިސާބުތަކުން، ގިނަ ހިއްސާދާރުންނަށް ބައިވެރިވާން ފުރުސަތު ހުޅުވި، ހިއްސާދާރުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުން އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ދިރާގަށް އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 942 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު %4.1 އިތުރު އަދަދެކެވެ. 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 905 މިލިއަން ރުފިޔާއެވެ.