ދިރާގުގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރަކަށް އިމްރާން އަލީ އައްޔަންކުރުމަށް ފާސްކޮށްފިއެވެ.
އިމްރާން އެމަޤާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ ދިރާގުން ވަރޗުއަލްކޮށް މިއަދު ބޭއްވި އެ ކުންފުނީގެ 31 ވަނަ އަހަރީ ޢާންމު ޖަލްސާގައެވެ.
ދިރާގުގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ 'ފަހިވޯޓް' މެދުވެރިކޮށެވެ. މިއީ ދިރާގުގެ ފުރަތަމަ ވަރޗުއަލް އަހަރީ އާންމު ޖަލްސާއެވެ. އަދި މިއީ "ފަހިވޯޓް" މެދުވެރިކޮށް ކުންފުންޔަކުން ބޭއްވި ފުރަތަމަ ވަރޗުއަލް އަހަރީ ޢާންމު ޖަލްސާވެސް މެއެވެ. ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ 68 ހިއްސާދާރުންވަނީ ބައިވެރިވެފައެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އޭޖީއެމް ވާޗުއަލްކޮށް ބާއްވާ ނިންމާލެވުމަކީ ޑިޖިޓަލް މުސްތަޤުބަލަކަށް އެޅުނު މުހިންމު ބިންގަލެއްކަމުގައެވެ. އޮންލައިންކޮށް ޖަލްސާ ބޭއްވުމުން އެކި ހިސާބުތަކުން، ގިނަ ހިއްސާދާރުންނަށް ބައިވެރިވާން ފުރުސަތު ހުޅުވި، ހިއްސާދާރުން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުން އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި ހިއްސާއަކަށް 7.86 ރުފިޔާ ބަހަން ހިއްސާދާރުން ވަނީ ފާސްކޮށްފައެވެ. ދިރާގުން ހިއްސާގެ ފައިދާ ބަހަނީ އަހަރަކު ދެ ފަހަރެވެ.
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 942 މިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު %4.1 އިތުރު އަދަދެކެވެ. 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 905 މިލިއަން ރުފިޔާއެވެ.
2019 ވަނަ އަހަރު ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާ އަކަށް ވެގެން ދިޔައީ، ކުންފުނީގެ މޯބައިލް، ފިކްސްޑް ބްރޯޑްބޭންޑް، އެންޓަޕްރައިޒް އަދި މެނޭޖްޑް ސާވިސް ދާއިރާތަކުގެ ކަސްޓަމަރުން އިތުރުވެފައިވުމެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ސިނާއަތުގައި ދިރާގުގެ މާކެޓް ޝެއަރ ހިފެހެއްޓިފައިވުންކަމަށް އެ ކުންފުނިން ބުނެއެވެ.