ޚަބަރު

ބްރިޖުގެ މަސައްކަތް ޑޮކިއުމެންޓް ކުރުމާބެހޭ އެއްބަސްވުން


މާލެއާއި ހުޅުލެއާ ދެމެދު  އަޅާ ބްރިޖްގެ މަސައްކަތް ޑޮކިޔުމަންޓްރީކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހައުސިން މިނިސްޓްރީއާއި ޕަބްލިކް ސާވިސް މީޑިޔާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.މިކަމަށްޓަކާއި ޕީއެސްއެމްގެ ޓީވީ މޯލްޑިވްސްގައި ބޭއްވި ރަސްމިޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިޒުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ.މި ސަރުކާރުގެ މައިގަނޑު ވައުދުތަކެތޭރޭގައި ހިމެނޭ މި ބިޔަބޮޑު މަޝްރޫއު ހިނގަމުންދާގޮތް ދިވެހި ރައްޔިތުންނަށް ހާމަޔަށް ފެންނަން އޮތުމަކީ ދިވެހި ރައްޔިތުންގެ ހައްގެއްކަން ފާހަގަކުރައްވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިޒް ވިދާޅުވީ މި މަސައްކަތް ކުރުމަށް އެންމެ ޤާބިލް ފަރާތަކީ ޕީއެސްއެމް ކަމަށާ މި މަސައްކަތް އަމާނާތްތެރިކަމާއެކު ދިވެހިރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.މިރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ފެށުނު ހިސާބުންވެސް ޑޮކިޔުމަންޓް ކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި މި މަސައްކަތް ރަސްމީކޮށް ކުރުމުގެ ހުއްދަ ލިބިގެން ދިޔުމަކީ ޕީއެސްއެމްއަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ.އެހެންކަމުން ބްރިޖްގެ މަސައްކަތް ހިނގަމުންދާގޮތް ޕީއެސްއެމްއަށް ލިބިފާވާ ހުރިހާ ވަސީލަތްތަކަކުން ދިވެހިރައްޔިތުންނަށް ފުރިހަމަޔަށް ގެނެސްދެއްވާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.މި މަސަައްކަތް ކުރުމަށް ބޭރުގެ ފަރާތެއްގެ އެހީތެރިކަން ހޯދުމުގެ ވިސްނުންފުޅު ހުރިކަން ފާހަގަކުރައްވާ ޚަލީލް ވިދާޅުވީ ކުރިޔަށް ދުވަސްތަކުގެ ތެރޭގައި އެކަންވެސް އިއުލާންކުރެވޭނެކަމަށެވެ.މިރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ ޑެޕިޔުޓީ މެނޭޖިންޑިރެކްޓަރ  މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ މި މަސައްކަތަށް ޕީއެސްއެމްގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެކަމަށެވެ. އަދި މިއީ ޕީއެސްއެމަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ތަޖްރިބާއެއްކަން ފާހަގަކުރެއްވިއެވެ.މިއަދު މިޙަވާލުކުރެވުނު މަސައްކަތުގެ ދަށުން ބްރިޖްގެ ޑޮކިއުމެންޓް ތައްޔާރުކުރުމާއި ޕީއެސްއެމްގެ މާލްދީބްގެ ޚާއްސަ އެޑިޝަންއެއް މިކަމަށް  ޚާއްސަކޮށް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާގުޅުންހުރި ހުރިހާ ވީޑިއޯތަކެއް ނަގާ އާކައިވް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.ބްރިޖް ޑިޒައިންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެކަން ހައުސިންގ މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.