މާލޭގައި ދެމެހެއްޓެނިވި ކަރަންޓުގެ ނިޒާމެއް
ޤާއިމުކުރުމަށް ސްޓެލްކޯއަށް 8 މެގަވޯޓުގެ ޖަނަރޭޓަރ ސެޓެއް ގަތުމަށް،
އެންވަޔަރަމެންޓް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.މިކަމަށްޓަކައި މިއަދު އެންވަޔަމެންޓް މިނިސްޓްރީގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މިމަސައްކަތަކީ އޭ.ޑީ.ބީގެ އެހީއާއެކު ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި މި 8 މެގަވޯޓުގެ ޖަނަރޭޓަރ ސިސްޓަމް ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގައި ދެމެހެއްޓެނިވި އަދި އިއާދަކުރަނިވި ހަކަތަ އިތުރު ކުރުމަށްޓަކައި ވަސީލަތްތައް އިތުރުކުރަމުންދާކަމަށާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރު މަޝްރޫޢުތައް މާލެއާއި އަތޮޅުތެރޭގައި ހިންގުމަށް ރާވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ."އަންނަ އަހަރުތެރޭގައި އައްޑޫގައި 1.5 މެގަވޯޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދޭނެ. އަދި އިތުރު 4 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށްވަނީ ހަމަޖެހިފަ. އޭގެއިތުރުން ސްޓެލްކޯއާ ގުޅިގެން މާލޭގައިވެސް އިއާދަކުރަނިވި ހަކަތައިގެ އިތުރު މަޝްރޫޢުތައްވެސް އެބަކުރިއަށްގެންދަން." - މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ކައިރި މުސްތަޤްބަލެއްގައި މާލޭގައި 2.5 މެގަވޯޓްގެ އިއާދަކުރަނިވި ހަކަތަ އަދި ހުޅުމާލޭގައި 1.5 މެގަ ވޯޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދޭނެކަމަށެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝުކޫރު ވިދާޅުވީ މިވަގުތަކީ ކަރަންޓުގެ ގޮތުން ސްޓެލްކޯއަށް ވަރަށް ބޮޑަށް ދަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި ބިޑަށް ހުޅުވާލި 8 މެގަވޯޓްގެ ޖަނަރޭޓަރ ލިބުމާއެކު މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޝުކޫރު ވިދާޅުވިއެވެ.މިހާރު ބީލަމަށް ހުޅުވާލާފައިވައިވާ 8 މެގަވޯޓުގެ ޖަނަރޭޓަރ ބެހެއްޓި އަންނައަހަރުގެ 3 ވަނަ ކުއާޓާރގެ ތެރޭގައި ބޭނުން ކުރަން ފެށޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.