ނ.މަނަދޫ މޮނިޓަރިންގެ ޙާލަތުން ދޫކޮށްލައި ޢާންމު ޙާލަތަށް ގެންގޮސްފިއެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ މެއި މަހުގެ ފުރަތަމަ ދުވަހު ނ.އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައި އުމުރުން ދުވަސްވީ މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ.
އޭނާ ވަނީ ކޯވިޑް19 އިން ރަނގަޅުވި ފަހުން ނިޔާވެފައެވެ. އަދ އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 9 މީހަކު ފަހުން ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެ ނުވަ މީހުންނާ ގުޅުންހުރި މީހުންގެ ތެރެއިން ނެގި 86 ސާމްޕަލްވެސް ކޯވިޑް-19އަށް ޓެސްޓުކުރުމުން ވަނީ ނެގެޓިވްވެފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވި މި ނުވަ މީހުންނާ ގުޅިގެން, އެރަށުން ނެގި ސާމްޕަލްތަކުން ހުރިހާ އެންމެން ނެގެޓިވްވީނަމަވެސް ބަލި ޖެހި ރަނގަޅުވެފައިވާ މީހަކު ފެނިފައިވާކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.
މަނަދޫން ޕޮޒިޓިވްވި މީހުން ކަރަންޓީނުކޮށްފައި ވަނީ އިރުފުށި ކަރަންޓީން ފެސިލިޓީގައެވެ. އެރަށް މޮނިޓަރިންގެ ހާލަތުން ޢާންމު ޙާލަތަށް ގެނެސްފައި މިވަނީ އެއްމަސްދުވަސް ފަހުންނެވެ.