ކޯވިޑް-19

ބޭރުގައި ތިބި ދިވެހިންނަށް އާސަންދައިން 2.9 މިލިއަން ރުފިޔާގެ އެހީ


ކޯވިޑް-19އާއި ގުޅިގެން ރާއްޖެއިން ބޭރުގައި އެކި ގޮތްގޮތުން ތާށިވެފައިވާ ދިވެހިންނަށް މިހާތަނަށް 2.9 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19އާއި ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް ބޯޑަރުތައް ބަންދުކުރުމާއި ހަމައަށް ގިނަ ޢަދަދެއްގެ ދިވެހިންތަކެއް ބޭސްފަރުވާގެ ޚިދުމަތަށް ރާއްޖެއިން ބޭރަށް ގޮސްތިބިކަމަށެވެ. އަދި ޤައުމަށް އެނބުރިނާދެވި އެ ޤައުމުތަކުގައި ތާށިވެފައިތިބެންޖެހުމުން މާލީ ބޮޑެތި ގޮންޖެހުންތަކެއް އެފަރާތްތަކަށް ކުރިމަތިވެފައިވާތީ، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މަރިޔަމް ޝަފީޤް ވިދާޅުވިއެވެ.

މިގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުން އިންޑިއާއާއި ސްރިލަންކާއަށް ބޭސްފަރުވާއަށް ދިޔަ 114 ދިވެހިންނާއި އެމީހުންނާއެކު ދިޔަ އެހީތެރިން އަނބުރާ ރާއްޖެގެނެސްފައިވާކަން މަރިޔަމް ޝަފީޤް ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19ގެ ސަބަބުން ރާއްޖެއިން ބޭރުގައި އެނބުރި ޤައުމަށް ނާދެވިފައިތިބި 287 މީހަކަށް 2.9 މިލިއަން ރުފިިޔާގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާލަތު ނާންނަނިސްވެސް ވަރަށް ގިނަ ދިވެހިންތަކެއް ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްގޮސްފައި. އެގޮތުން އިންޑިއާއާއި ލަންކާއަށް ބޭސްފަރުވާއަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ޤައުމަށް ނާދެވިތިބި 114 މީހަކު މިވަނީ މިހާރު ރާއްޖެގެނެސްފައި. މީގެ ތެރޭގައި އެމީހުންނާއެކު ދިޔަ އާއިލާ މެންބަރުން ނުވަތަ އެހީތެރިންވެސް ހިމެނޭ. އަދި ހާލުގައިޖެހިފައި ތިބި 287 މީހަކަށް 2.9 މިލިއަން ރުފިޔާގެ ފައިސާގެ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދެވިފައި. މިއީ އާސަންދަ އަދި އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރަށް ދިޔަ މީހުން ހިމެނޭހެން ދީފައިވާ އެހީ" މަރިޔަމް ޝަފީޤް ވިދާޅުވިއެވެ.

އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވީ، މިޙާލަތުގައި އަތޮޅުތެރޭގައި ދަތުރުފަތުރުކުރުން ހުއްޓިފައިވާތީ، މިދަނޑިވަޅުގައި ޞިއްޙީ ބޭނުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރަންޖެހޭ މީހުންނަށް "މެޑިކަލް ޓްރާންސްފަރ"ގެ ނަމުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. މި ޚިދުމަތް ފޯރުކޮށްދެނީ ކީމޮތެރެޕީ ހެއްދުމާއި، ޑައިލިސިސްގެ ޚިދުމަތް ހޯދުމަށާއި، ލޭ އެޅުމާއި، ވިހެއުންފަދަ ކަންކަމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަންޖެހޭ ފަރާތްތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން މިދިޔަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161 މީހަކަށް މި ޚިދުމަތުގެ ދަށުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުޞަތުދީފައިވާކަމަށް އާސަންދައިން ބުނެއެވެ. އިމަރޖެންސީ އިވެކުއޭޝަންގެ ގޮތުގައި 339 ބަލި މީހަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުޞަތުދީފައިވާކަންވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި އޭޕްރީލް 15 އިން ފެށިގެން މިހާތަނަށް 31 ފްލައިޓް އާސަންދައިން ޗާޓަރކޮށްގެންވެސް މިގޮތަށް ބަލި މީހުން އުފުލާފައިވާކަން އެކުންފުނިންވަނީ ހާމަކޮށްފައެވެ.