ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި ކޭސްތައް މިއަދު އިތުރުވެފައިވަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ސަބަބުން ނޫންކަމަށް ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ އަދި އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވީ، މިއަދު 101 ޕޮޒިޓިވް ކޭސް ފެނުމަކީ އިތުރު ޢަދަދެއް ކަމަށާއި، ނަމަވެސް އެކޭސްތަކަކީ ފުރަބަންދަށް އަޅާފައިވާ ލުއިތަކުގެ ސަބަބުން އިތުރުވި ޢަދަދެއް ނޫންކަމަށެވެ. ޑޮކްޓަރ ވިދާޅުވީ ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ ކުރިން ޕޮޒިޓިވްވެފައިވާ ކްލަސްޓާއަކާއި ގުޅުންހުރި ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވްވުމުންކަމަށެވެ. އެއީ އެއްތަނެއްގައި ދިރިއުޅެމުން އައި ބައެއްކަންވެސް ޑޮކްޓަރ ފާހަގަކުރެއްވިއެވެ. މިއަދު ޕޮޒިޓިވްވި 101 މީހުންގެ ތެރެއިން 79 ބިދޭސީންނަކީ އެއް ކުލަސްޓާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ. މިއީ އެކުގައި އެއްތަނެއްގައި ދިރިއުޅެމުން އައި ބައެކެވެ.
"އިއްޔެ ނެގި ސާމްޕަލްގެ ނަތީޖާ މިއަދުތާ މިލިބެނީ. މިގޮތަށް ކޮމްޕެއަރ ކޮއްލާއިރު ނެގިފައިވާ ސާމްޕަލްތަކާއި ޕޮޒިޓިވްވި މީހުންގެ ނިސްބަތަކީމިމަހުގެ 26 ވަނަ ދުވަހު ޕޮޒިޓިވްވީ %7 މީހުން، 27 ވަނަ ދުވަހު %5، 27 ވަނަ ދުވަހު %5 އަނެއްކާވެސް، 29 ވަނަ ދުވަހު %11 އަދި 30 ވަނަ ދުވަހު %14 ކޮންމެސްވަރެއްގެ އިތުރުވުމެއް. ނަމަވެސް އެއްކޮށް އުޅޭބައެއް އެއްތަނެއްގެ ކްލަސްޓައެއްވީމަ ހަޤީގަތުގަ އިތުރުވީ. އީޒް ޕްލޭންގެ ލުއިފަސޭހަގެ ސަބަބުން އިތުރުވި އިތުރުވުމެއް ނޫނޭ." ޑރ އަފްޒަލް ވިދާޅުވިއެވެ.
ޑރ އަފްޒަލް ވިދާޅުވީ، އަދި މިހާހިސާބުން ފުރަބަންދަށް ދިން ލުއިތައް އަނބުރާ ގެންދަންޖެހޭ ހާލަތެއް ނާންނަކަމަށެވެ. ފުރަބަންދަށް ދެވުނު ލުއިތަކާއި ގުޅިގެން ކޭސްތައް އިތުރުވާކަމުގައިވާ ވާނަމަ އެކަން ދެނެގަނެވޭނެ ކަމުގައިވެސް ޑރ އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށާއި، ޕޮޒިޓިވްވަމުންދަނީ ކުރީގެ ޕޮޒިޓިވް ކޭސްތަކާއި ގުޅުންހުރި މީހުންކަމަށް ޑޮކްޓަރުން މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. ފުރަބަންދަށް ލުއިދިނީވެސް ރާއްޖޭގައި ޕޮޒިޓްވާ މީހުންގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓިފައިހުރުމުންކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. ފުރަބަބންދަށް ލުއި ދިންނަމަވެސް ބަލި އެއްކޮށް ރާއްޖެއިން ފިލައިގެން ނުދާނެކަމަށާއި، ދުވާލަކު ޕޮޒިޓިވްވާ އަދަދު 50 ގައި ހުރުމަކީ ކޭސްތައް އިތުރުވުން ނޫންކަމަށް ޑރ.އަފްޒަލް ކުރިން ވަނީ ވިދާޅުވެފައެވެ.