ޚަބަރު

ކުލި ނުދެއްކޭ މީހުން ނޯޓިހަކާއި ނުލައި ގެއިން ނެރުން ހުއްޓުވުމަށް ސަރުކާރުން ބިލެއް


ކޯވިޑް19ގެ ހާލަތުގައި ކުލި ދެއްކޭނެ ގޮތެއް ނެތް ފަރާތްތައް ނޯޓިހެއް ދިނުމަކާ ނުލައި، ކުއްޔަން ހިފައިގެން ތިބި ތަންތަނުން ނެރުން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.

އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ބިލުގައި ލާޒިމުކޮށްފައިވާނެކަމަށް އެތާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. މިކަން ލާޒިމުކޮށްފައިވާނީ، ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީޢަނުވާ ގޮތަށްކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެއެވެ. އަދި ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދުކަނޑާލައިގެންނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ކޯވިޑް19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނެ ކަމަށްވެސް މި ބިލްގައި ހިމަނާފައިވެއެވެ.. އަދި އެފަދައިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތައްވެސް ބިލުގައި ކަނޑައަޅާފައިވާނޭކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެއެވެ.

ކޯވިޑް19 އާ ގުޅިގެން ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދޭންވާނެ ކަމަށްވެސް މި ބިލުގައިވެއެވެ. އަދި އެފަދައިން ކާބޯތަކެތި ފޯރުކޮށްދޭއިރު، އެކަން ކުރަންވާނީ، ރައްކާތެރި އަދި ހަމަހަމަ އުސޫލަކުން ކަމުގައިވެސް ބަޔާންކޮށްފައިވާނޭކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

މި ބިލުގައި ވަޒީފާ ގައްލޭ ފަރާތްތަކާއި ގުޅެ ގޮތުންވެސް މުހިއްމު ކަންތައްތަކެއް ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ. މިގޮތުން ކޯވިޑް19 އާ ގުޅިގެން މުވައްޒަފުންނަށް ޚާއްޞަ ސަލާމާއި ޢާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ޚާއްޞަ ޗުއްޓީ ދޭންވާނެ ކަމަށް ބިލުގައި ކަނޑައަޅަފައިވެއެވެ. ބިލުގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފުންނަށް ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް ކަމުގައި ބިލުގައިވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ގިނަ ފަރާތްތަކެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާއިރު، މި ބިލުގައި، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތާމެދު ފިޔަވަޅުއެޅުން ހުއްދަވާނެ ޙާލަތްތަކާއި، އެ ފިޔަވަޅު އެޅޭނެ ޙާލަތްތައް، ބަޔާންކޮށްފައިވާނޭކަމަށް އެޖީ އޮފީހުން ވިދާޅުވެއެވެ. އެގޮތުން، މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމަށް، ނުވަތަ މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމަށް ނުވަތަ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް ހުއްދަވާނެ ޙާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުން އައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުން ނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ޙާލަތުގައި ކަމުގައި މި ބިލުގައި ކަނޑައަޅާފައިވާނޭކަމަށްވެސް އޭޖީ އޮފީހުން ހާމަކުރައްވައެވެ.

މީގެއިތުރުން، ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުޞޫލުތަކާއި ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމަށްވެސް މި ބިލުން މަގުފަހުވެގެންދާނެކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ..

"ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޯވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމެވެ. އޭގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް މިބިލުގައި ހިމަނާފައިވާނެކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

މި ބިލު އެކުލަވާލާފައިވަނީ، ކޯވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ކުރިމަތިވެފައިވާ އެނޫންވެސް އިޖްތިމާޢީ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ޚާއްޞަ ޤާނޫނެއް މެދުވެރިކޮށް ވަގުތީ ޙައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީގެންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.