ކޯވިޑް-19

ކޯވިޑް-19 : ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނީ އެކުންފުންޏެއްގެ މުވައްޒަފުންނަށް އެކަނި


ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެއްވެސް މަސައްކަތެއް ކުރުމަށް ހުއްދަ ދޭނީ ހުއްދައަށް އެދި ހުށަހަޅާ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުންފުޏެއްގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް ވާނަމަ ކަމުގައި މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މާލެ ފުރަބަންދު ކުރުމުގެ ކުރިން މަސައްކަތް ފަށާފައިވާ ކޮންސްޓްރަކްޝަން ސައިޓުތަކުގެ މަސައްކަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ދެއްވާފައި ވާތީ، ކޮންސްޓްރަކްޝަން ސައިޓްތަކުގައި އެއްވެސް މަސައްކަތެއް ކުރައްވަން ބޭނުންވާ ފަރާތްތަކުން މާލޭ ސީޓީ ކައުންސިލަށް އެކަމަށް އެދި ހުށަހަޅުއްވަން ވާނީ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ޙާއްސަކޮށްފައިވާ "ފަސޭހަ މަގު" ޕޯޓަލްގައި ރަޖިސްޓްރީ ކުރައްވައިގެން ކަމަށެވެ. ރަޖިސްޓްރީ ކުރެއްވުމަށްފަހު ވެބްސައިޓްގައިވާ ފުރަބަންދުގެ މުއްދަތުގައި މަސައްކަތް ކުރުމުގެ ހުއްދައަށް އެދޭ ފޯމާ އެކު އެސައިޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަޢުލޫމާތު ޝީޓާއި އަދި ވޯރކް ޕާރމިޓްތަކުގެ ކޮޕީ [email protected] މެއިލް މެދުވެރިކޮށް ހުށަހަޅުއްވަންޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މިގޮތަށް ހުއްދަ ދޫކުރެވޭނީ ހުއްދައަށް އެދި ހުށަހަޅުއްވާ ކުންފުނީގެ މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ ކުންފުނީގެ ނަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް ކަމުގައި ވުމުންކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމަވާފައިވާއިރު، ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި މިއޮތް ޙާލަތުގައި ޢިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރުމުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނެއް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ވަނީ ނެރެފައެވެ. "ގައިޑްލައިން ޓު ކޮމްބެކްޓް ކޯވިޑް-19" ނެރުނު މި ގައިޑްލައިނުގައި ކޯވިޑް-19އަށްފަހު ޢިމާރާތް ކުރުމުގެ ސިނާއަތް ހުޅުވާލާއިރު ސައިޓުތަކުގައި އަމަލު ކުރަން ޖެހޭނެ އުސޫލުތައްވެސް ތަފުސީލް ކޮށްފައިވެއެވެ.

އެގޮތުން ސައިޓުތަކުގައި ހަރަކާތްތެރިވާ ހުރިހާ ބާވަތެއްގެ މަސައްކަތުގެ މީހުން މާސްކް އަޅަން މަޖުބޫރު ކޮށްފައިވެއެވެ. އަދި މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ގިނަ ބަޔަކު ބޭނުން ކުރާނަމަ ޑިސްއިންފެކްޓްކުރުމާއި މަސައްކަތް ކުރާއިރު، މީހުން ތޮއްޖެހުން މަދު ކުރަންވެސް ޖެހެއެވެ.