ޚަބަރު

ސިފައިންނަށް، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމުގެ ވަޢުދު ފުއްދިއްޖެ - މިނިސްޓަރ މާރިޔާ


ދިވެހި ސިފައިންނަކީ ދިވެހިރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބަޔަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުފުޅު ފުރިހަމަ ކުރެވިއްޖެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ދިވެހި ސިފައިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ވެރިކަމުގެ ހުވާކުރައްވައި ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެކަމަށް ވިދާޅުވިކަން ފާހަގަކުރައްވާފައެވެ. މިއަދު ދިވެހި ސިފައިންނާއި ގުޅޭގޮތުން ރައްޔިތުން ހާމަކުރާ ޝުޢޫރުތަކުން ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅު ފުއްދިއްޖެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވެރިކަމާ ޙަވާލުވެވަޑައިގެން ހުވާކުރައްވައި އެންމެ ފުރަތަމަ ރައްޔިތުންނާއި މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލުރައްކާތެރިކޮށް، ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި މާޙައުލެއް ހޯދައިދިނުމަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އެންމެއިސް މަސްއޫލިއްޔަތުކަމަށެވެ. މިކަން ކުރުމަށްޓަކައި، ދިވެހި ސިފައިންނާއި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަމާއި، ވަސީލަތްތައް ފަހިކޮށްދެއްވުމަކީ ކޮންމެހެން ކުރަންޖެހިވަޑައިގެންފައިވާ މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ ސަރުކާރުގައި އެ ދެ މުއައްސަސާއަކީ، ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ޤަދަރުވެރި ދެ މުއައްސަސާ ކަމުގައި ވެގެންދާނެކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ޤައުމީ ދިފާޢީ ބާރުގެ މަސައްކަތްތައް ބައްޓަންކުރާނީ ވީހާވެސް ދެފުއްފެންނަ، މަސައްކަތަށް ޖަވާބުދާރީވެވޭ ގޮތުގައިކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވެސް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންގައި އެންމެ އިސް ދައުރެއް އަދާކުރާ އެއްބަޔަކީ ދިވެހި ސިފައިންނެވެ. ކަރަންޓިން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަތއް ހެދުމާއި އެތަންތަން ބެލެހެއްޓުމުގައި ދިވެހި ސިފައިން އަންނަނީ ޤައުމީ ވާޖިބު އަދާކުރަމުންނެވެ. ދާދިފަހުން ހުޅުމާލޭގައި ތަރައްޤީކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީސް ތަރައްޤީކުރުމުގައިވެސް ދިވހި ސިފައިން ވަނީ އިސްދައުރެއް އަދާކޮށްފައެވެ.