ނިއު ނޯމަލްގައި މީރާގެ އޮފީސް ހުޅުވި ނަމަވެސް އޮންލައިންކޮށް ލިބެންހުރި ޙިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެ އިދާރާއިން އެދިއްޖެއެވެ.
މީރާގެ މަސައްކަތްތަކާއި ގުޅެގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ، މީރާއަކީ ވަރަށް ގިނަ މީހުން އެއްފަހަރާ ޙިދުމަތް ހޯދަން އަންނަ ތަނެއްކަމަށެވެ. އެހެންކަމުން ނިއު ނޯމަލްގައި މީރާގެ އޮފީސް ހުޅުވި ނަމަވެސް އޮންލައިންކޮށް ލިބެންހުރި ޙިދުމަތްތައް އޮންލައިންކޮށް ބޭނުންކުރުމަށް ފަތުހުﷲ ވަނީ ގޮވާލައްވާފައެވެ.
މީރާގެ ގިނަ ޙިދުމަތްތަކެއް އޮންލައިންކޮށް ލިބެން ހުރިކަން ފާހަގަކުރައްވައި ފަތުހުﷲ ވިދާޅުވީ، އޮންލައިންކޮށް ލިބެން ނެތް ޙިދުމަތް ހޯދަން އަންނައިރުވެސް ކިޔުބީ ނުވަތަ މީރާގެ މޯބައިލް އެޕްލިކެޝަން މެދުވެރިކޮށް ނަންބަރު ނެގުމަށްފަހު ނަންބަރު ޖެހެން ގާތްވުމުން މީރާއަށް އައުމަށް އިލްތިމާސްކުރާކަމަށެވެ.
"ވަރަށް ގިނަ ފަރާތްތަކުން އެއްފަހަރާ މީރާގެ ކައުންޓަރުތަކަށް އަންނަކަމަށްވެއްޖިއްޔާ އަޅުގަނޑުމެންނަށްވެސް ނިއު ނޯމަލްއަށް ދާއިރު ބަހައްޓަން ބޭނުންވާ ފިޒިކަލް ޑިސްޓެންސިން ހިފަހައްޓައި ޙިދުމަތް ދިނުމަށް ވަރަށް އުނދަގޫވާނެ. މީރާގެ ގިނަ ޙިދުމަތްތަކަކީ މިހާރުވެސް އޮންލައިންކޮށް ލިބެންހުންނަ ޙިދުމަތްތަކެއް. އެހެންކަމުން އެ ޙިދުމަތްތައް އޮންލައިންކޮށް ބޭނުންކުރުމަކީ މިފަދަ ހާލަތެއްގައި ވަރަށް މުހިންމު ކަމަކަށްވާނެ. އޮންލައިންކޮށް ބޭނުންކުރެވޭ ޙިދުމަތެއްކަމަށްވެއްޖެއްޔިއްޔާ އެ ޙިދުމަތެއް އޮންލައިންކޮށް ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވިއެވެ.
ލޮކްޑައުންއަށްފަހު މީރާ ހުޅުވާއިރު މީރާގެ އޮފީހަށް ޙިދުމަތް ހޯދަން އަންނަ މީހުންގެ އަދަދު މަދުކުރުމަށް ޓެކްސް ދެއްކުމުގެ ސުންގަޑިތައް އެއްފަހަރާ ނާންނާނެ ފަދަ ގޮތަކަށް ސުންގަޑިތައް ފަސްކޮށްދިނުމުގެ މަސައްކަތް މީރާއިން ދަނީ ކުރަމުންނެވެ.