މާލެ ސަރަޙައްދުގައި ކޯވިޑް-19ގައި ޙާލު ސީރިއަސް މީހުންގެ ތެރެއިން 100 އެއްހައި މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދިނުމުގެ ކެޕޭސިޓީ މިހާރު އެބަހުރިކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗްގެ ޑިރެކްްޓަރ އޮފް މެޑިކަލް ސާރވިސް ޑރ.ޢަލީ ނަޒީމް ވިދަޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ހިމެނޭހެން ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް 500 އެނދު ޚާއްޞަކޮށްފައި ވާކަމަށެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާދިނުމަށް ބޭނުންވާ 100 އެނދުގެ ކެޕޭސިޓީ އެބަހުރިކަމަށްވެސް ޑޮކްޓަރ ޢަލީ ނަޒީމް ވިދަޅުވިއެވެ.
ހުޅުމާލޭގައި ތަރައްޤީކުރި މެޑިކަލް ފެސިލިޓީ ބޭނުންކުރެވޭނެ ގޮތުގެ ތަފްސީލް ޙިއްސާކުރައްވަމުން ޑޮކްޓަރ ނަޒީމް ވިދާޅުވީ، އެންމެ ފުރަތަމަ އެތަނުގައި ކޯވިޑް-19އަށް ފަރުވާދޭން ފަށާނީ 68 އެނދުގައިކަމަށެވެ. ފުރަތަމަ މަރުޙަލާގައި އެތަނުގައި ފަރުވާދިނުމުގައި ފުއްޕާމޭގެ ބަލިތަކުގެ ނުވަތަ އެތެރެހަށީގެ ޑޮކްޓަރުގެ 3 ބޭފުޅުން ފަރުވާ ދެއްވަމުންދާނެކަމަށާއި، ޑިއުޓީ އުސޫލުން މަސައްކަތްކުރާ 10 މެޑިކަލް އޮފިސަރުންނާއި 32 ނަރުހުން މަސައްކަތް ކުރައްވާނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
68 އެނދަށްވުރެ މީހުން ގިނަވެއްޖެނަމަ ދެވަނަ ފިޔަވަހީގައި އިތުރު އެނދުތަކާއެކު 9 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 30 މެޑިކަލް އޮފިސަރުން އަދި 75 ނަރުހުން މަސައްކަތްކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިންވަނަ ފިޔަވަހީގައި 13 ސްޕެޝަލިސްޓުންނާއި 50 މެޑިކަލް އޮފިސަރުންނާއި 135 ނަރުހުން މަސައްކަތްކުރައްވާނެކަމަށް ޑރ.ނަޒީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލާއި ހުލުމާލެ ހޮސްޕިޓަލުވެސް ބޭނުންކުރަމުން ދާނެކަން ފާހަގަކުރައްވައި ޑޮކްޓަރ ނަޒީމް ވިދާޅުވީ، މިހާތަނަށް ކޯވިޑް-19އާ ގުޅިގެން 14 ފެސިލިޓީއެއް ޤާއިމްކޮށްފައިވާއިރު އެތަންތަނުގައި އައިޖީއެމްއެޗްގެ 50 މެޑިކަލް އޮފިސަރުންނާއި، 120 ނަރުހުންނާއި 6 ސްޕެޝަލިސްޓުން މަސައްކަތްކުރަމުންދާނެކަމަށެވެ.
ޑޮކްޓަރ ނަޒީމް ވިދާޅުވީ އައިޖީއެމްއެޗްގެ އޯޕީޑީގެ ޚިދުމަތް އަދިވެސް މީހުން ގޮސްގެން ޚިދުމަތް ދިނުމުގެ ވިސްނުން ނެތްކަމަށާއި، އަދިވެސް އޮންލައިންކޮށް ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އޮންލައިންކޮށް ޚިދުމަތްދޭ ދުވަސްތައް އިތުރުކޮށް ހުކުރުދުވަސް ފިޔަވައި ހުރިހާ ދުވަހަކު އޮންލައިން ކޮންސަލްޓެންސީ ނުވަތަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ލިބެމުންދާނެކަމަށެވެ.
"ނަމަވެސް ލެބޯޓްރީގެ މިންގަޑު ވަކިވަރެއްގައި ހިފެހެއޓުމަށް ނިންމަފައިވަނީ. ސަބަބަކީ އަޅުގަނޑުމެންގެ ލެބޯޓްރީގެ ކެޕޭސިޓީ މެޝަރކުރާ ހިއުމަން ކެޕޭސިޓީ ލޯޑު ވަރަށް މަތިވެފަހުރީ. ކުރިން 3 ބޭފުޅުން ކުރަމުން އައި މަސައްކަތެއް މިހާރު 22 ބޭފުލުން މިހާރު އެންގޭޖުވޭ. ހަފްތާގެ، ހުކުރު ފިޔަވައި އެހެން ދުވަސްތަކުގައި ލެބޯޓްރީގެ ޚިދުމަތް ލިިބޭނެ." ޑޮކްޓަރ ނަޒީމް ވިދާޅުވިއެވެ.
ރާއްޖޭގައި މިބައްޔަށް ފަރުވާދޭނެ ކެޕޭސިޓީ ފާއިތުވި ދެމަސްދުވަހާ، އަޅާބަލާއިރު 300 އެނދު އިތުރުވިކަން ފާހަގަކުރައްވަމުން ޑރ.ނަޒީމް ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުންވެސް މިހާލަތަށް ތަމްރީންކޮށްފައިވާކަމަށް ވިދަޅުވިއެވެ.
ޑޮކްޓަރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކޯވީޑް-19 ބަލިމަޑުކަމުގައި އިންސާނީ ވަސީލަތްވެސް އެކަށީގެންވާ މިންވަރަކަށް އެބަހުރިކަމަށް ވިދާޅުވެފައެވެ. މިގޮތުން މިހާރުު ތިބި ޑޮކްޓަރުގެ ޓީމަށް ރާއްޖެއިން ބޭރުގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ 30 ދަރިވަރުން ސީނިއަރ މެޑިކަލްސްގެ ގޮތުގައި ގުޅިފައިވާކަމަށެވެ.
ރާއްޖޭގައި މުޅި ޖުމްލަ މަސައްކަތްކުރަނީ ގާތްގަނޑަކަށް ނުވަސަތޭކައެއްހައި ޑޮކްޓަރުންނާއި 2900 އެއްހައި ނަރުހުންނެވެ. މީގެ ތެރޭގައި ކްރިޓިކަލް ފަރުވާދޭ 140 ދިވެހި ޑޮކްޓަރުން މަސައްކަތްކުރާކަންވެސް ޑރ.ނަޒީމް ފާހަގަކުރެއްވިއެވެ. މިއީ ޤައުމަށްލިބު ބޮޑުކުރިއެރުމެއްކަމަށާ، ވަރަށް ބޮޑު އުއްމީދެއްކަމަށް ޑޮކްޓަރ ސިފަކުރެއްވިއެވެ. އަދި އެކަމުގެ ފައިދާ ފެންނަމުންދާކަމަށްވެސް ވިދާޅުވިއެވެ. އަތޮޅުތަކުގައި ފަސް ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދޭ ފެސިލިޓީ ތަރައްޤިކުރާއިރު އެތަންތަނުގައި 112 އައިސީޔޫ އެނދާއި 140 ޖެނެރަލް އެނދު ތައްޔާރުވަމުންދާކަމަށްވެސް ޑޮކްޓަރ ޢަލީ ނަޒީމް ވިދާޅުވިއެވެ.