ޚަބަރު

ކޯވިޑް-19 : ފުރަތަމަ ފިޔަވަހީގެ ލުއިތައް، ސަމާލުވުން މުހިންމު!


މާދަމާއިން ފެށިގެން ދެހަފްތާގެ މުއްދަތަށް ލުއިތަކެއް ދިނުމަށް ނިންމާ އެފިޔަވަޅުތައް އިޢުލާންކޮށްފިއެވެ. މި ލުއިތައް އިޢުލާންކޮށްދެއްވީ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީނެވެ. ފުރަތަމަ ފިޔަވަހީގައި ގިނަ ލުއިތަކެއް ދިންނަމަވެސް ސްކޫލްތަކާއި އޮފީސްތައް ހުޅުވުމަށް ނިންމާފައިނުވެއެވެ.

މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ހުއްދަދިން ކަންކަން ހާމަކުރައްވާފައެވެ. މިގޮތުން ފުލުހުންގެ ހުއްދަދައާއިއެކު ގޭބީސީތަކުން ގެއިން ބޭރަށް ނިކުމެވޭ މީހުންގެ ޢަދަދު އިތުރުކޮށް ބޭރުގައި ހޭދަކުރެވޭ ވަގުތާއި ޒޯން އަދި ވަގުތުވެސް ވަނީ އިތުރުކޮށްދެއްވާފައެވެ.

ހުއްދަދޭ ވިޔަފާރިތައް

  • ސުޕަމާކެޓް
  • ބޭކަރީތައް
  • ކަންމަތީ ފިހާރަތައް
  • ބޭސްފިހާރަތައް
  • ބުކްޝޮޕްތައް
  • ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް
  • ހާޑުވެއަރ ފިހާރަތައް

ހުއްދަދޭ އެހެނިހެން ކަންކަން

  • ޑެލިވަރީގެ ޚިދުމަތްތައް
  • އޮޓޮމޯބައިލް ކޮންސްޓްރަކްޝަން
  • އިލެކްޓްރޯނިކް ރިޕެއަރ
  • ވޯކްޝޮޕް ޚިދުމަތް
  • މަސްމާރުކޭޓް

އޮންލައިން ވިޔަފާރިކުރުމުގެ ހުއްދަދޭ ތަންތަން:

  • މޯބައިލް ފޯން ފިހާރަ
  • އިލެކްޓްރޯނިކް ފިހާރަ
  • ފޮތިފިހާރަ ކުޅިވަރު ސާމާނު ފިހާރަ
  • ކޮސްމެޓިކްސް ފިހާރަތައް
  • ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތައް
  • އޮންލައިންކޮށް ވިޔަފާރިކުރުމާއި ޑެލިވަރީކުރުމަށް ފުރުޞަތު

ބޭންކިންގެ ޚިދުމަތްތައް ފުރަތަމަ ދެހަފްތާގައި 3 ދުވަހު ހުޅުވާނެއެވެ. އަދި ދެވަނަ ހަފްތާއިން ފެށިގެން 5 ދުވަސް ވަންދެން ބޭންކްތައް ހުޅުވައި ޚިދުމަތްދޭން ފަށާނެއެވެ. ކެފޭ ރެސްޓޯރަންޓް ފުރަމަތަ ދެހަފްތާގައި ޑެލިވަރީއާއި ޓެކްއަވޭ ޚިދުމަތާއި، ޓެކްސީއާއި ޕިކަޕްގެ ޚިދުމަތް ދެވޭނެއެވެ. ސިއްޙީ ޚިދުމަތް ދޭނެ ތަންތަކުގެ ތެރެއިން ފްލޫ ކްލިނިކްތަކަށް މީހުން ގޮސްގެން ޚިދުމަތް ލިބޭނެއެވެ. ކްލިނިކްތަކުން އޮންލައިންކޮށް ޚިދުމަތްދެވޭނެއެވެ.

އޮފީސްތަކެއް ނުހުޅުވާނެ:

އޮފީސްތަކަށް ބަލާއިރު، ޢާންމުޚިދުމަތަށް ސަރުކާރުގެ އޮފީސްތައް ފުރަތަމަ ފިޔަވހީގައި ހުޅުވުމަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް އޮފިސްތައް ހިންގޭނެ މިންވަރަށް ސަރުކާރުގެ ހުއްދަ ލިބޭ ފަރާތްތަަށް ފުރުޞަތު ލިބޭނެއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ހުއްދއާއެކު އަމިއްލަ އަމިއްލަ އޮފީސްތަކަށް ޚިދުމަތްދެވޭނެ ގޮޮތް އިޢުލާންކުރައްވާނެއެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ޚާއްޞަ ހުއްދައެއް ދެވޭނެއެވެ.

މިޙާލަތުގައި ހުއްދަ ނުދޭނެ ކަންކަމުގެ ތެރޭގައި

  • މިސްކިތްތައް،
  • ސްކޫލްތައް ހުންނާނީ ބަންދުކުރެވިފައި،
  • އެއްރަށުން އަނެއްރަށް ދަތުރުކުރުން މިހާރުވެސް ހުރި ފިޔަވަޅުތައް ދެމިގެންދާނެ،
  • ޕާކްތަކާއި ބީޗްތައް ފުރަތަމަ ދެހަފްތާގައި ނުހުޅުވާނެ،
  • ކެފޭ ރެސްޓޯރަންޓް ތަކަށް ގޮސްގެން ޚިދުމަތް ނުހޯދޭނެ،
  • ޖިމްތަކާއިި ސެލޫންތައް ނުހުޅުވޭނެ،
  • އެއަރޕޯޓް ނުހުޅުވޭނެ،
  • ރިސޯޓްތަކެއް ނުހުޅުވޭނެ،
  • ގެސްޓްހައުސްތަކެއް ނުހުޅުވޭނެ،
  • ކުޅިވަރުކުޅޭ ތަންތަނާއި ރެކްރިއޭޝަން ތަންތަން ނުހުޅުވޭނެ،
  • ޕަބްލިކް ޓްރާންސްޕޯޓް(ބަސް، ފެރީ) ނުފަށާނެ،

މިލުއިތައް ދިނުމަކީ މިބަލި ރާއްޖެއިން ނެތިގެން ދިއުން ނޫންކަމށާއި ނުރައްކަލުން މިންޖުވެވުނީވެސް ނޫންކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންވަނީ ވިދާޅުވެފައެވެ.

"އަދިވެސް ނާޒުކުކަމާއި ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކީ އަޅުގަނޑުމެން މިބަލިމަޑުކަންމަތީ އަމަލުކުރަމުންދާންޖެހޭނީ. ރާއްޖޭގެ ރައްޔިތުން، ޚައްޞަކޮށް މާލެ ސަރަހައްދުގައި އުޅުއްވި ރައްޔިތުން ދެއްކި ނަމޫނާއަކީ ރާއްޖެ ނަމޫނާއަކަށް ވަރަށް ގިނަބަޔަކު ދެކޭ ހިސާބަށް މި އާދެވުނު ސަބަބު" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގެ ލއުިތައް ދެވޭނީ ފުރަތަމަ ފިޔަވަހީގައި ދެވުނު ލުއިތަކުން ނިކުންނަ ނަތީޖާއިންކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.