އުރީދޫ މޯލްޑިވްސްއިން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްސީއަށް 50 އިންޓިބޭޝަން ބޮކްސް ހަދިޔާކޮށްފިއެވެ.
އުރީދޫއިން ބުނީ މި އިންޓިއުބޭޝަން ބޮކްސްތަކަކީ ކޯވިޑް-19 އަށް ފައްސިވެފައިވާ ބަލި މީހުންނަށް ނޭވަލާން ދަތިވާ ހާލަތުގައި އޮކްސިޖަން ގުޅުމަށް ހޮޅިލައްވާ ވަގުތު ބަލި މީހާއާއި ހިދުމަތްދޭ ފަރާތް ވަކިކޮށްލުމަށް ޓައިވާންގައި ތައްޔާރުކުރެވިފައިވާ އެތެރެ ފެންނަ ޕޮލިކާބޮނޭޓް ފޮށިތަކެކެވެ. އަދި މި އިންޓިއުބޭޝަން ބޮކްސް އެންޑީއެމްސީއަށް ހަދިޔާކުރީ ކޯވިޑް 19އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ސިއްހީ ދާއިރާގެ ބޭފުޅުންނަށް ސަލާމަތްތެރިކަން ހޯދުމަށް އަޅާ ފިޔަވަޅުތަކަށް އެހީތެރިވުމަށް ކަމަށެވެ.
"ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ އެންމެހާ ބޭފުޅުން، ހާއްސަކޮށް ސިއްހީދާއިރާގައި މަސައްކަތްކުރަމުން ދާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަކީ ކޯވިޑް 19 ފެތުރުން ހުއްޓުވުމަށް މިވަގުތު އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެވެ. މި ކަންކަން ފުރިހަމަކުރުމުގައި އެއްބާރުލުންދިނުމަކީ އެންމެންގެވެސް ޒިންމާއެއް ކަމުގައި ދެކިގެން، މިއަދު މި ހަދިޔާކުރެވުނު އިންޓިއުބޭޝަން ބޮކްސްތަކާއިއެކު ސިއްހީދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އިތުރު ރައްކާތެރިކަމެއް ލިބި، ހިދުމަތް ދިނުމުގައި އާހިތްވަރެއް ލިބިގެންދާނެކަމަށް އުންމީދުކުރަން" އުރީދޫގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ މިނޫނަސް ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ގައުމީ ފެންވަރުގައި ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ - އެންއީއޯސީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ - އެޗްޕީއޭ އަދި ސަރުކާރުގެ އެހެން އިދާރާތަކުން ކުރަމުންދާ މަސައްކަތައް އެހީތެރިވަމުން ދާކަމަށެވެ. މިގޮތުން، ދާދި ފަހުން އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އުރީދޫއިން ދަނީ އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
އުރީދޫގެ ކަސްޓަމަރުންނަށް މިދުވަސްވަރު ދިމާވާދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސްޕެޝަލް އޮފަރއެއްގެ ގޮތުގައި ހިލޭ ޑޭޓާގެ އިތުރުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއްވެސް ވަނީ ތައާރަފްކުރެވިފައެވެ.