އެލް ސަލްވަޑޯގެ ރައީސް ނަޔިބް ބުކެލެ މެލޭރިއާއަށްފަރުވާދޭން ބޭނުންކުރާ ހައިޑްރޮކްސީކްލޮރޮކީން ބޭނުންކުރައްވާކަމަށް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ން ރައްކާތެރިވުމަށް ހައިޑްރޮކްސީކްލޮރިކީން ބޭނުން ނުކުރުމަށް ޞިއްޙީ މާހިރުންދަނީ ނަސޭހަތްތެރިވަމުންނެވެ. އެ ބޭހަކީ ގޮތްނޭނގޭ ބޭހެއްކަމަށާއި އެ ބޭސް ބޭނުންކުރާ މީހުންގެ އުމުރު ކުރުވާކަމަށާއި ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާކަމަށް ޞިއްޙީ މާހިރުންދަނީ ބުނަމުންނެވެ. ރައީސް ބުކެލެ ވިދާޅުވީ އޭނާ އެ ބޭސް ބޭނުންކުރައްވަނީ ކޯވިޑް-19 ޖެހުމުން ރައްކާތެރިވާން ޕްރޮފިލެކްސިސެއްގެ ގޮތަށްކަމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗުއޯގެ ނަސޭހަތާ އެއްގޮތަށް ކޯވިޑް-19އަށް ދެވޭ ފަރުވާއެއްގެ ގޮތުގައި އެ ބޭސް ބޭނުންކުރުމަށް ހިތްވަރު ނުދެއްވާކަމަށާއި ނަމަވެސް ކޯވިޑް-19ން ރައްކާތެރިވުމަށް ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރުމަށް އެ ޤައުމުގެ ރައްޔިތުންނަށް ހުރަހެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ބުކެލެގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްވެސް ވަނީ ކޯވިޑް-19ން ރައްކާތެރިވުމަށް ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރައްވާކަމަށް ވިދާޅުވެފައެވެ. ރައީސް ބުކެލެ ވިދާޅުވީ އޭނާއެކޭ އެއްގޮތަށް ރައީސް ޓްރަންޕާއި ދުނިޔޭގެ އެހެން ގިނަ ލީޑަރުންވެސް ބަލިން ރައްކާތެރިވުމަށް އެ ބޭސް ބޭނުންކުރައްވާކަމަށެވެ.
ރައީސް ބުކެލެވަނީ ކޯވިޑް-19އާ ދެކޮޅަށް އެލް ސަލްވަޑޯގައި ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން އެލް ސަލްވަޑޯގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކުރަން އޭނާ ވަނީ ނިންމަވާފައެވެ. އެ ނިންމުން ނިންމާފައިވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދާއާއެކު އެއްނޫނެވެ. އޭނާގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތު ރައީސް ބުކެލެއަށްވަނީ އަމާޒުވެފައެވެ. ނަމަވެސް އެމެރިކާއިން އެލް ސަލްވަޑޯއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮނަލްޑް ޖޯންސަން ވިދާޅުވީ ރައީސް ބުކެލެ ޢަމަލުކުރައްވަމުންދަނީ ޙާލަތާ އެންމެ އެކަށީގެންވާގޮތަށްކަމަށެވެ