ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އައު ކައުންސިލަރުން އިންތިޚާބުކުރެވެންދެން މިހާރުތިބި ކައުންސިލް މެންބަރުން މަޤާމުގައި ދެމިތިބެވޭނެގޮތަކަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމާގުޅޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ސުޕްރީމް ކޯޓުން ލަފައެއް ހޯދުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޚިޔާލު ފާޅުކުރައްވައިފިއެވެ.
ކޯވިޑް-19އާ ގުޅިގެން މިއަހަރު ބޭއްވުމަށް ނިންމި ލޯކަލް ކައުންސިލް ތިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ތިބި ކައުންސިލް މެންބަރުންގެ ދައުރު ދިގުދައްމާލުމަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމާމެދު މަޖިލީހުގެ މެންބަރުންގެ މެދުގައިވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. މިހާރު އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލިނުރައްކަލުގެ ޙަލަތުގައި ޤަނޫނު އަސާސީއަށް އިޞްލާޙު ނުގެނެވޭނެ މޭރުމަކުން މަޖިލީހުގެ ރައީސްވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ބައެއް މެންބަރުންވެސް އެގޮތަށް ތާއީދުކުރައްވައެވެ. އަނެއްބައި މެންބަރުން ދެކެވަޑައިގަންނަވަނީ މިމައްސަލައަށް ޙައްލެއް ހޯދޭނީ ޤާނޫނަކުން ގެނެވޭ ޙައްލަކަށްވުރެ ޤާނޫނު އަސާސީއަށް ބަދަލު ގެނެވިގެންކަމަށެވެ.
މި ޚިޔާލުތަފާތުވުން އެމްޑީޕީގެ މެންބަރުންގެ މެދުގައި އޮތްނަމަވެސް ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިޞްލާޙު އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށް އެޕާޓިގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ. މިމައްސަލާގައި ދައުލަތުގެ ބަންޑާރަ ނައިބު އަދި މަޖިލީހުގެ ކައުންސިލަރ ޖެނެރަލްވެސް ވަނީ މިދަނޑިވަޅުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެވޭނެކަމަށް ވިދާޅުވެފައވެ.
ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ މިއިޞްލާހަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވެމުންދާ މިދަނޑިވަޅުގައި މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިމައްސަލާގައި ބަންޑާރަ ނާއިބާއި މަޖިލީހުގެ ކައުންސިލަރ ޖެނެރަލް އިއްތިފާޤުވެވަޑައިގެންނެވިނަމަވެސް، މަޖިލީހުގެ ބައެއް މެންބަރުން މިހަމަތަކަށް އެއްބަސްވެވަޑައި ނުގެންނެވޭކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ބަންޑާރަ ނާއިބާއި ކައުންސިލަރ ޖެނެރަލްގެ އިތުރުން މަޖިލީހަށް ލަފައެއް ހޯދެންއޮތް މުއައްސަސާއަކީ އެންމެ މަތީ ކޯޓުކަމަށްވާ ސުޕްރީމް ކޯޓުކަމަށެވެ. ނަމަވެސް އެލަފާ ހޯދެން އަންނަނީ މަޖިލީހުގެ މެންބަރުން އެކަމަށް އެގޮތަށް ފާސްކޮށްގެންކަމަށެވެ.
"އަޅުގަނޑުމެނަށް ޤާނޫނު އަސާސީގައި މި ބަޔާންކުރާ ގޮތްތަކާ ބެހޭގޮތުން ލަފާ އެބަބޭނުންވޭ. ބަނޑާރަ ނާއިބު ވިދަޅުވާ ގޮތްތަކެއް އެބަވޭ. މަޖިލީހުގެ ކައުންސިލަރ ޖެނެރަލް އިއްތިފާޤުވާ ގޮތްތަކެއް އެބަވޭ ބަންޑާރަ ނާއިބާއެކުގާ. އެހެންނަމަވެސް މަޖިލީހުގެ މެންބަރުންނެއް މިދެންނެވި ގޮތްތައް މުޅިއަކުން ބަލައެއް ނުގަނޭ. މިކަހަލަ ހާލަތެއްގައި އަޅުގަނޑު ދެކޭގޮތުގައި ޤާނޫނު އަސާސީ ބަޔާންކޮށްފައިވާ ހަމަތައް އަޅުގަނޑުމެން ބޭނުންކުރަންޖެހޭނެ." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުުވަނީ މިކަމާމެދު މަޖިލީހުގެ މެންބަރުން ވިސްނައި ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. ސަރުކާރުން ހުށައެޅިގޮތަށް ޤާނޫނު އަސާސީ އިޞްލާހުކުރުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ވަކިގޮތެއް ކަނޑައަޅާފައިވީނަމަވެސް ބައެއް މެންބަރުން މިއަދުވެސް ވަނީ މިކަމާއި ޚިޔާލުތަފާތުކޮށް ޖަލްސާގައި ވާހަކަފުޅު ދައްކަވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވި މަޖިލީހުގެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުން ފިޔަވާ އެހެންބަޔަކަށް މެންބަރުންގެ ވޯޓަށް ނުފޫޒު ނުފޯރުވޭނެކަމަށެވެ.