ޚަބަރު

ޤާނޫނުއަސާސީއަށް ސަރުކާރުން އިޞްލާޙު ހުށައެޅިގޮތަށް ފާސްކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފި


ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްފައިވުމުން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެންމުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށައެޅި އިޞްލާހު އެގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

ޤާނޫނުއަސާސީއަށް އިޞްލަޙު ގެނައުމަށް ސަރުކާރުން ހުށައެޅިގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކޮށްފައިވަނީ އެ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ޤާނޫނު އަސާސީއަށް ހުށައެޅި އިޞްލާޙަށް ކޮމިޓީ މަރުހަލާގައިވެސް އެއްވެސް ބަދަލެއް ނުގެނައުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިރޭ ވަނީ ނިންމާފައެވެ. މިކަން އެޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް އިޢުލާންކުރި ކައުންސިލް އިންތިޚާބު ފަސްކޮށްފައިވަނީ ކޯވިޑް-19 ފެތުރެމުންދާތީ އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ. އެހެންކަމުން މިހާރުތިބި ކައުންސިލް މެންބަރުންގެ ދައުރު ދިގު ދައްމާލުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް އިޞްލާޙެއް ހުށައަޅާފައިވަނިކޮށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ޙަސަން ލަޠީފް ވަނީ ކައުންސިލް މެންބަރުންގެ ދައުރު ދިގުދައްމާލުމަށް ޤާނޫނަށް އިޞްލާހެއް ގެނެސްފައެވެ. މިކަމާއި ގުޅިގެން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެގެން ދިޔައެވެ.

ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ނުގެނެވޭނެކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާއިރު، ދައުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. ޤާނޫނު އަސާސީ އިޞްލާޙުނުކޮށް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާގޮތަށް ޤާނޫނަކުން ފާސްނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާވެސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުގައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅުކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، ސިޓީކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ. މިހާރު ތިބި ކައުންސިލްތަކުގެ މެންބަރުންގެ ދައުރު އަންނަ މަހުގެ މަހުގެ 02 ވަނަ ދުވަހަށް ހަމަވާނެއެވެ.