ޢުމުރުން ދުވަސްވެ ދާނުގައިތިބޭ ބަލި މީހުން ކޯވިޑް-19އަށް ޓެސްޓުކުރުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްޓާލައިފިއެވެ.
މިރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދަޅުވީ، ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތް މިންވަރު ދެނެގަތުމަށް ޢުމުރުން ދުވަސްވެ ދާނުގައި ތިބޭ މީހުންގެ ސާމްޕަލް ނަގަން ނިންމާ އޭގެތެރެއިން %10 މީހުންގެ ސާމްޕަލް ނެގުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ނިންމެވިކަމަށެވެ. އެއީ 350 މީހުންގެ ސާމްޕަލެވެ.
ނަމަވެސް ޢުމުރުން ދުވަސްވީ މީހުންނާއި އެމީހުންގެ ޢާއިލަތަކުގެ ގިނަ މީހުން މިކަމަށް އެއްބާރުލުން ނުދިނުމާއި ސާމްޕަލް ނެގުމަށް އުޒުރުވެރިވާތީ އެންމެ ފަހުން ނިންމެވީ %5 މީހުންގެ ސާމްޕަލް ނެގުމަށްކަމަށެވެ. އެއީ 170 މީހުންގެ ސާމްޕަލެވެ. އޭގެތެރެއިން މިހާތަނަށް 105 މީހުންގެ ސާމްޕަލް ނަގާފައިވާކަމަށާއި، އެކަކު ޕޮޒިޓިވްވިކަމަށްވެސް މަބްރޫކް ވިދަޅުވިއެވެ. ނަމަވެސް މިހާރު ޓެގުން ނިންމާފައިވަނީ ދާނުގައި ތިބޭ ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނުނެގުމަށްކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މިކަމުގަ ފުރަތަމަ ޓެގުން މަޝްވަރާދެއްވާފައި ވަނީ ޢުމުރުން ދުވަސްވީ އަދި އެނދުދާންމަތިވެފައިވާ މީހުންގެ ތެރެއިން %10 މީހުން ޓެސްޓް ހަދައިދިނުމަށް. އެއީ ގާތްގަނޑަކަށް 350 މީހުން. މީގެ ތެރެއިން ގިނަ މީހުން ޓެސްޓް ހެދުމަށް އުޒުރުވެރިވެފައިވެ ދެކޮޅު ފައްޓަވާފަވާތީވެ ޓެގުން އަނެއްކާވެސް އެންގެވީ އެހެންވީމަ އެނދުދާންމަތި ވެފައިވާ މީހުންގެ %5 މީހުންގެ ޓެސްޓްހަދައިދިނުމަށް. ނަމަވެސް އާއިލާތަކުން ދެކޮޅު ހަދާތީ ޓެގުން ނިންމީ މިކަން އިތުރަށް ނުގެންދިއުމަށް." މަބްރޫކް ވިދާޅުވިއެވެ.
ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަންފެށީ އެފަދަ މީހުންނަށް ބަލި ޖެހިއްޖެނަމަ ވީހާވެސް އަވަހަށް އެ ބަލިޖެހިފައިވާކަން ދެނެގަތުމުގެ ބޭނުމުގައެވެ.