ޚަބަރު

ކޯވިޑް-19 : ތައިލެންޑުން 26 ދިވެހިން ރާއްޖެ ގެނެސްފި


ރާއްޖެ ނާދެވި ތައިލެންޑުގައި ތިބި 26 ދިވެހިން މިރޭ ރާއްޖެ ގެނެސްފިއެވެ. މި ސައްބީސް ދިވެހިން ތައިލެންޑުން ރާއްޖެ ގެނެސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިމީހުން ރާއްޖެ އައުމުން މިއެންމެންވެސް ވަނީ 14 ދުވަހުގެ ކަރަންޓިން ފެސިލިޓީ ފުރިހަމަކުރުމަށް ގެންގޮސްފައެވެ.

މީގެކުރިން އިންޑިއާއާއި ސްރީލަންކާއާއި މެލޭޝިއާގައި ރާއްޖޭ ނާދެވި ތިބި އެތައް ދިވެހިންނަށް ސަރުކާރުން ވަނީ ރާއްޖެ ގެނެސްދީފައެވެ. މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ ނާދެވިތިބި 1000އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްދީފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އަނބުރާ ޤައުމަށް އަންނަން ބޭނުންވެއްޖެނަމަ ފޮރިން މިނިސްޓްރީގައި ނުވަތަ އެ ޤައުމުތަކާއި އެންމެ ކައިރީގައިވާ ދިވެހި މިޝަންތަކުގައި ރަޖިސްޓްރީކުރުމަށް ފަޮރިން މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ މީހުންވެސް އެމީހުންގެ އަމިއްލަ ޤައުމަށް ދެވޭނެ އިންތިޒާމް ސަރުކާރުން އަންނަނީ ހަމަޖައްސާދެމުންނެވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް އަދި ތައިލެންޑްގެ އިތުރުން ބައެއް އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ވަނީ އެމީހުންގެ ޤައުމަށް ފޮނުވާދީފައެވެ. އެގޮތުން އިންޑިއާގެ 1500 އަށްވުރެ ގިނަ މީހުންނާއި ޕާކިސްތާނުގެ 43 މީހަކާއި ބައެއް އެހެން ޤައުމުތަކުގެ މީހުންވެސް އެމީހުންގެ ޤައުމުތަކަށްވަނީ ފޮނުވާފައެވެ.

މީގެއިތުން ޤަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންވެސް އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ބަންގްލަދޭޝްގެ 1000 މީހުންވަނީ ފޮނުވާލާފައެވެ.