ޚަބަރު

ޚިޔާނާތާއި މަރުގެ މައްސަލަތަކުގެ ތަޙްޤީޤް އޮތްހިސާބެއް ބެލުމަށް މަޖިލީހުގެ ކޮމިޓީއަށް


އެމްއެމްޕީާރުސީގެ ބޮޑުު ޚިޔާނާތުގެ މައްސަލައާއި، ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު މިހާރު އޮތް ހިސާބެއް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ތަޙްޤީޤްކުރަމުންދާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ މިހާރު އޮތް ހިސާބެއް ސާފުކުރުމަށް ހުށައަޅުއްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، މުޢިއްޒު ފޮނުއްވި ސިޓީގައިި ވިދާޅުވެފައިވަނީ، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކޮށް އިންސާފުހޯދައި ދިނުމަކީ ސަރުކާރުގެ ވަޢުދެއްކަމަށެވެ. އެމް.އެމް.ޕީ.އާރު.ސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަކީ، އެކަމުގައި ޢާންމު މަސްލަޙަތު ހިމެނޭ މައްސަލަތަކެއްކަމަށާއި، އެ މައްސަލަތަކުގެ ތަޙްޤީޤުތަކާއި، ނުވަތަ ދައުވާއުފުއްލެވުމާއި އަދި ޝަރީޢަތްތައް ހިނގާގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރާލެއް މަދުކަމަށް ޤަބޫލުކުރެވޭކަމަށް މި ސީިޓީގައި ބަޔާންކޮށްފައިވެއެވެ.

އަދި އެމައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާތީ، އެމައްސަލަތައް ބެއްލެވުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެއްލެވުމާއި، ދަޢުވާ އުފުއްލެއްވުން ނުވަތަ ޝަރީޢަތް ހިންގެވުން ލަސްވުމަށް ހުރި ސަބަބުތަކާއި، ނުފޫޒެއްނެތި އިތުބާރު ހުރި ނިޒާމެއްގެ ތެރެއިން، ނަތީޖާ ނެރެވޭނޭހެން އެ މައްސަލަތަކާމެދު ޢަމަލުކުރެވެމުންދޭތޯ ޔަޤީންކުރުމަށް ބޭނުންވާތީ، މިކަން ރައްޔިތުންގެ މަޖިލީހުން ބައްލަވައިދެއްވުމަށް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

މުޢިއްޒު ހުށައެޅުއްވި މި މައްސަލަ މިހާރު ޖުޑީޝިއަރީ ކޮމިޓީއަށާއި ޤައުމީ ސަލާމަތު ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވަވާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

2012ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ހިނގާދިޔަ ގޮތް ނޭނގޭ މަރުތަކުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަންނަނީ މައްސަލަތަކެއް ތަޙްޤީޤްކުރަމުންނެވެ. އަދި ގިނަ މައްސަލަތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤު އިތުރަށް ވަރުގަދަކޮށް ތަޚްޤީޤު ހިންގުމުގައި އިތުރު ވަސީލަތްތައް ބޭނުންކުރުމަށް ނިންމާފައިވާ ކަމުގައި ދާދިފަހުން ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.