ރާއްޖެ ނާދެވި ތައިލެންޑުގައި ތިބި ބައެއް ދިވެހިން މިއަދު ރާއްޖެ ގެނެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން ވިދާޅުވީ، ތައިލެންޑުގައި ކޯވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ރާއްޖެ ނާދެވި ތާށިވެފައި ތިބި 26 ދިވެއްސަކު މިރޭގެ ވަގުތެއްގައި ރާއްޖެ އަންނާނެއެވެ. އަދި އެ އެންމެންވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ ކުރިން އިންޑިއާއާއި ސްރީލަންކާ އަދި މެލޭޝިއާގައި ރާއްޖޭ ނާދެވި ތިބި އެތައް ދިވެހިންނަށް ސަރުކާރުން ވަނީ ރާއްޖެ ގެނެސްދީފައެވެ. މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ ނާދެވިތިބި 1000 ވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްދީފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އަނބުރާ ޤައުމަށް އަންނަން ބޭނުންވެއްޖެނަމަ ފޮރިން މިނިސްޓްރީގައި ނުވަތަ އެ ޤައުމުތަކާއި އެންމެ ކައިރީގައިވާ ދިވެހި މިޝަންތަކުގައި ރަޖިސްޓްރީކުރުމަށް ފަޮރިން މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ މީހުންވެސް އެމީހުންގެ އަމިއްލަ ޤައުމަށް ދެވޭނެ އިންތިޒާމް ސަރުކާރުން އަންނަނީ ހަމަޖައްސާދެމުންނެވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް އަދި ތައިލެންޑްގެ އިތުރުން ބައެއް އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ވަނީ އެމީހުންގެ ޤައުމަށް ފޮނުވާދީފައެވެ. މީގެއިތުން ޤަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންވެސް އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ބަންގްލަދޭޝްގެ 1000 މީހުންވަނީ ފޮނުވާލާފައެވެ.
މީގެއިތުރުން އިންޑިއާގެ 1500 އަށްވުރެ ގިނަ މީހުންނާއި ޕާކިސްތާނުގެ 43 މީހަކާއި ބައެއް އެހެން ޤައުމުތަކުގެ މީހުންވެސް އެމީހުންގެ ޤައުމުތަކަށްވަނީ ފޮނުވާފައެވެ.