ޚަބަރު

މޮނިޓަރިންގައި ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަދީފި


ކޯވިޑްގެ ނުރައްކާގެ މި ހާލަތުގައި ފުރަތަމަ ދިން ލުޔެއްގެ ގޮތުން ބައެއް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ހުއްދަދެއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީ ވިދާޅުވީ މަދާމާގެ ހުކުރު ނަމާދާއެކު ޖަމާއަތުގައި ނަމާދުކުރަން ފަށާނީ މޮނިޓަރިންގެ ހާލަތްތަކުގައި ނެތް ރަށްތަކުގެ މިސްކިތްތަކުގައިކަމަށެވެ.

އަތޮޅުތެރޭ ބައެއް މިސްކިތަކުގައި ޖަމާއަތުގައި ނަމާދުކުރަން މާދަމާ ފެށި ނަމަވެސް މާލޭ ސަރަހައްދުގެ އެއްވެސް މިސްކިތެއްގައި އަދި ޖަމާއަތުގައި ނަމާދުކުރާކަށް ނުފަށާނެއެވެ.

ކޯވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މާރިޗުމަހުގެ ތެރޭގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިސްކިތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްދަ ދިން ނަމަވެސް މިސްކިތަށް ވަޑައިގަންނަވާ ފަރާތަތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށެވެ. މި ގޮތުން ދުވަސްވީ މީހުން މިސްކިތަކަށް ނުދިޔުމާއި މިސްކިތައް ދާއިރު ގެއިން ވުޝޫކޮށްގެން މިސްކިތްތަކަށް ދިޔުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

" ސިއްހީ މާހިރުން ލަފާދެއްވާފައިވަނީ މިސްކިތަށް އަންނައިރު ގެއިން ވުޝޫކޮށްފގެން އައުމާއިއުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި، ރޯގާ ޖެހި ކިނބިހި އަޅާ މީހުން މިސްކިތަށް ނައުމަށާއި ދެން މިސްކިތުގައި މާގިނަ ވަގުތު ހޭދަ ނުކުރުމާއި ކޮންމެ ބޭފުޅަކުވެސް މިސްކިތަށް ވަޑައިގަންނަވާއިރު މުސައްލައެއް ހިފައިގެން ވަޑައިގަތުމާއި މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުން " އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ޖަމާއަތުގައި ނަމާދު ކުރުމުގެ މާނައަކީ ކައިރި ކައިރީގައި ސަފު ހަދައިގެން ނަމާދު ކުރުންކަމަށާއި ޖަމާއަތް ފަށާ މިސްކިތްތަކުގައި ނަމާދުކުރާނީ ކައިރިކައިރީ ސަފު ހަދައިގެންކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިސްކިތަށް ދާ މީހުން މާސްކް ބޭނުންކުރުމަށްވެސް ސިއްހީ މާހިރުން ލަފާދެއްވާފައިވާކަންވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޖަމާއަތުގައި ނަމާދުކުރެވޭ މިސްކިތްތައް މާދަމާ ތަފްސީލުކޮށް ހާމަކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.