ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ހދ. ވައިކަރަދޫއަށް ރޭ އައި ކޮޅިގަނޑެއްގައި އެރަށު ފަތްކެޔޮ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ ގަދަވަޔާއެކު އައި ކޮޅިގަނޑުގައި ގެއްލުން ލިބިފައިވަނީ ފަތްކެޔޮ ދަނޑުތަކަށް ކަމަށެވެ. ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތައް ބިނދައިގެން ގޮސް ވެއްޓިފައިވާއިރު ބައެއް ގިނަ ގަސްތަކުގައި ހުރީ ކެޔޮގަނޑުވެސް އައިސްފައެވެ.
ނަސީމް ވިދާޅުވީ، ދަނޑުތަކަށް ލިބުނު ގެއްލުން ދެނެގަތުމަށްޓަކައި ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ފައިނަލް ރިޕޯޓް ނަގައި ފިޝަރީޒް މިނިސްޓްރީ އަށާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ހުށަހަޅާނެ ކަމަށެވެ. ވައިކަރަދޫ އަކީ ގިނަ އަދަދަކަށް ފަތްކެޔޮ ހައްދާ ރަށެކެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާލުވީ ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.