ޚަބަރު

ކޯވިޑް-19 : މާލެއިން ރަށްރަށަށް ފޮނުވާލާ މީހުން މިމަހުގެ 24 ނިޔަލަށް ކަރަންޓީނަށް


ޒަރޫރީ ބޭނުންތަކުގައި މާލެއައިސް ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިންރަށްރަށަށް ފޮނުވާލާ މީހުން މިމަހުގެ 24 ނިޔަލަށް ކަރަންޓީން ފެސިލިޓީސްތަކަށްގެންދެވި ރަށްރަށަށް ފޮނުވާލުމުގެ މަސައްކަތް ފެށޭނެކަމަށް އެލްޖީއޭއިން ވިދާޅުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޒަރޫރީ ބޭނުންތަކުގައި މާލެއައިސް ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން 1800 މީހުން ރަށްރަށަށް ފޮނުވާލުމަށް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވީ ކޯވިޑް-19 ޙާލަތު ގޯސްވެ ރާއްޖެއަށް ބޮޑު ސާޖެއް ކުރިމަތިނުވެ މިއަދާއިހަމަޔަށްވެސް އޮތީ ކަމުގެ މާހިރުންނާއި، ކަމާއިގުޅުންހުރި ފަރާތްތަކުން ދެއްވި ލަފަޔާއި އިރުޝާދަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ބަލި ފެތުރުނަ ނުދިނުމަށް މާލެސަރަހައްދު ފުރަބަންދުކޮށް ޚާއްސަ އުސޫލުތަކެއްގެ ތެރެއިން ނޫނީ ދަތުރުފަތުރު ކުރުން މަނާކޮށްފައިވާކަމީވެސް އަތޮޅުތަކުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ހަރުދަނާ ފިޔަވަޅެއްކަން ޝިފާއު ވަނީ ފާހަގަކުރައްވާފައެވެ.

ފުރަބަންދާއި ގުޅިގެން މާލޭގައި ތާށިވެފައިވާ މީހުންގެ ތެރެއިން އެންމެ ޒަރޫރީ ބޭނުންތަކުގައި މާލެއައިސް ނުދެވިތިބި މީހުން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު މިކަން ކުރުމުގައި ސަރުކާރުން ކިތަންމެ ބޮޑު ޚަރަދެއް ކުރަންޖެހުނަސް ރަށްރަށުގެ ރައްޔިތުންގެ ސަލާމަތަށް ވިސްނައި، ކަރަންޓީންގެ 14 ދުވަސް ހަމަކުރަންޖެހޭ ގޮތަށް ނިންމާފައިވާ ނިންމުމަކީ މުހިންމު ނިންމެވުނެއްކަންވެސް މެންބަރު ޝިފާޢު ވަނީ ފާހަގަކުރައްވާފައެވެ.

މެމްބަރު ވިދާޅުވީ އެލްޖީއޭއިން ލިބިފައިވާ މައުލޫމާތައްބަލާއިރު ރަށްރަށަށް ފޮނުވާލާ 1800 މީހުން މިމަހުގެ 24ގެ ނިޔަލަށް ކަރަންޓީން ކުރެވި ކޯވިޑަށް ޓެސްޓު ކުރުމަށްފަހު ރަށްރަށަށް ފޮނުވާލެވޭނެ ކަމަށެވެ.

މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުން ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ އުޞޫލެއް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. މި އުޞޫލްގެ ދަށުން އެފަދަ އެމީހުން ރަށްރަށަށް ފޮނުވުމުގައި އިސްކަން ދެވޭނެ އުސޫލުތަކެއްވެސް ވަނީ ބަޔާންކޮށްފައެވެ.