ޚަބަރު

ކޯވިޑް-19 : ރާއްޖެއިން އިންޑިއާއަށް އެނބުރިދިޔަ 3 މީހަކު ޕޮޒިޓިވްވި


ރާއްޖެއިން އިންޑިއާއަށް ފުރުވާލި މީހުންގެ ތެރެއިން 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރާއްޖެއިން އިންޑިއާއަށް ދިޔަ އެޤައުމުގެ ރައްޔިތުންގެ ތެރެއިން 3 މީހަކު ޕޮޒިޓިވްވެފައިވާކަން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގާފައިވާކަމަށެވެ.

ޕޮޒިޓިވްވި އިންޑިއާ 3 މީހުންނަކީ ރާއްޖޭގެ ބައިސަން ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތްކުރާ ބައެއްކަމަށާއި، އެހެންކަމުން އެމީހުންނާއި ސީދާ ދިމާވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުންވެސް އަނބުރާ ޤައުމަށް ދިޔަފަހުން އިތުރު ބަޔަކު ޕޮޒިޓިވްވިކަމަށް ދެކެވެމުންދާ ވާހަކަތައް ކަށަވަރުކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުން އަންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ބަޔަކު ތިންފަހަރެއްގެ މަތިން އަނބުރާ ޤައުމަށް ފޮނުވާފައިވެއެވެ. އެގޮތުން ފުރަތަމަބުރު ގައި 698 މީހުން އަދި ދެވަނަބުރު 202 މީހުން އަދި ތިންވަނަ ބުރުގައި 588 މީހުން ވަނީ އެޤައުމަށް ފުރުވާލާފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިންޑިއާއަށް ނުދެވި ތިބި އެޤައުމުގެ މީހުން އިންޑިއާ ސަރުކާރުގެ އެހީގައި އެޤައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ފޮނުވުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރ ސަންޖޭ ސުދީރް ވިދާޅުވީ، މި ދަނޑިވަޅުގައި އިންޑިއާގެ 1800 މީހަކު އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިންވަނައަށް ގިނައީ އިންޑިއާ މީހުންނެވެ. އެގޮތުން އިންޑިއާގެ 104 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.