އިގްތިސާދީ ގޮތުން ދަތިކަމެއް އަންނަ ކޮންމެ ފަހަރަކު ޕެންޝަން ފަންޑުގަ ޖަމާވެފަ ހުރިފައިސާގެ ބޭނުން ކުރުމަށް ގޮވާލާ އަދި އެކަމަށް ޑިމާންޑް ކުރާ ގިނައަދަދެއްގެ ބަޔަކު ތިބޭކަން މިއީ މިއަދު ވަކިން ޚާއްސަކޮށް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ޕެންޝަން ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާ އޭގެ ހައްގުވެރިންނަށް މިއަދު ނެގިދާނެތޯ، ނުވަތަ އެފައިސާގެ ބޭނުން މިއަދު ކުރުމަކީ އެންމެ ރަނގަޅު އުސޫލުތޯ މިއީ މިއަދު ފުންކޮށް ވިސްނާލަންޖެހިފައިވާ މައްސަލައެކެވެ.
ރިޓަޔަރމަންޓް ޕެންޝަންގެ ނިޒާމަކީ ދުނިޔޭގެ ކުރިއަރާފައި އެތައްގައުމެއްގައި އުމުރުން ދުވަސްވެގެން ރިޓަޔަރ ކުރާ އެގައުމުތަކުގެ ރައްޔިތުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކާ އެކަށައަޅާ ހިންގަމުން އަންނަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެކެވެ. މިގޮތުން ޕެންޝަން ސްކީމަކީވެސް، އާސަންދަ ފަދަ، ހައުސިންގ ސްކީމުތައް ފަދަ، ތައުލީމީ ފަންޑުތައް ފަދަ އަދި މިނޫނަސް އެ ސްކީމަކާއި ގުޅުންހުރި ހާލަތްތަކާއި ގުޅުވައިގެން އެސްކީމެއްގެ މަގުސަދު ހާސިލްވާނެ މިންގަޑުތަކަށް ފައްތައިގެން ހިންގޭ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެކެވެ.
އެހެންނަމަވެސް، ދިވެހި ރާއްޖޭގައި ހިންގޭ އިސްވެދެންނެވުނު ބައެއް ސްކީމްތަކާއި ޕެންޝަން ސްކީމާއި ހުރި މައިގަޑު އެއް ތަފާތަކީ ޕެންޝަން ސްކީމަކީ ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާ ދޭފަރާތުން ހިއްސާވެގެން ހިންގަމުން އަންނަ ސްކީމަކަށްވުން. މަގުސަދަކީ ދިވެހިރާއްޖޭގަވެސް އުމުރުން ދުވަސްވާ މީހުންގެ އާބާދީއަކީ ބާރު މިނުގައި އިތުރު ވަމުންދާ އާބާދީއަކަށް ވުމާއިއެކު، މުސްތަގުބަލުގައި ގައުމުގައި ދިރިއުޅެމުންދާ އުމުރުން ދުވަސްވީ އެންމެހާ ފަރާތްތަކަށް އިނާޔަތް ފޯރުކޮށްދިނުމަކީ ދައުލަތަށް އެކަނި އުފުލޭނެ ވަރުގެ ބުރައަކަށް ނުވެދާނެ ކަމަށްޓަކައި، މިކަމަށް ދުރާލާ ތައްޔާރުވެ ތިބުމެވެ.
އަދި ދައުލަތުން އެކަނި މިބުރަ އުފުލަން ޖެހިއްޖެ ހާލަތުގައި، އާޚިރު ނަތީޖާއެއްގެ ގޮތުން އުމުރުން ދުވަސްވީ މީހުން މި އިނާޔަތުން މަހުރޫމުވެގެން ދިޔަ ނުދިނުން. ހަމަ އެފަދައިން، މިފަދަ ހާލަތެއް މެދުވެރިވެ، މުޖުތަމަޢުގައި ދިރިއުޅެމުންދާ އެންމެ ނިކަމެތި އާއިލާއަށްވެސް، އާއިލާގައި ތިބި މާމަމެންނާއި ކާފަމެންގެ މާލީ ހުރިހާ ޒިންމާއެއް އުފުލަންޖެހިދާނެ ފަދަ ހާލަތެއްވެސް މެދުވެރިވެގެން ދިޔަ ނުދިނުމެވެ. މިގޮތުން، މިފަދަ ހާލަތަކަށް ގައުމުގެ ހާލަތު ވެއްޓިގެންދިޔަ ނުދިނުމަށްޓަކާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ވަޒިފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ހިއްސާވެގެން ހިންގާ ރިޓަޔަމަންޓް ޕެންޝަން ސްކީމްތައް އަންނަނީ ހިންގަމުންނެވެ.
އެހެން ނަމަވެސް މި ސްކީމުތައް ހިންގުމުގައި އެކި ގައުމުތަކުގައި އެގައުމެއްގެ ހާލަތާއި ގުޅޭގޮތުން ތަފާތުތަކެއް ހުއްޓަސް، މިތަފާތުތައް އެކުލެވިފައި ހުރީ އުމުރުން ދުވަސްވީ މީހުންނަށް ލިބިދެވޭ ރިޓަޔަރމަންޓް ޕެންޝަންގެ ރައްކާތެރިކަން ފުރިހަމަޔަށް ލިބިދެވޭނެ އުސޫލުގެ މަތިންކަން ފާހަގަކޮށްލަންޖެހެވެ. މިގޮތުން ދިވެރިރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ވަޒީފާ ދޭފަރާތާއި އަދާކުރާ ފަރާތުން ދައްކަމުންދާ އަދަދަކީ ޖުމްލަ 14 އިންސައްތަ ކަމުގައި ވިޔަސް، މުވައްޒަފުންގެ މުސާރައިން މިއަށްވުރެ މަތިން ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރަމުންދާ ގައުމުތައް ވާކަންވެސް މިފުރުސަތުގައި ފާހަގަކޮށްލަންޖެހެވެ. އަދި މިފަދަ ބައެއް ގައުމުތަކުގައި ޕެންޝަން ފަންޑުގެ ވަކި އިންސައްތައެއް ފުރާނަޔާއި ހަނގުރާމަ ކުރަންޖެހޭފަދަ ބޮޑެތި ބަލިތައް ޖެހޭ ހާލަތުގައި ނެގޭ ގޮތަށް އުސޫލުތަކެއްގެ ތެރެއިން ހަމަޖެހިފައި އޮންނަކަންވެސް މިއީ މިފުރުސަތުގައި ފާހަކަށްލަންޖެހޭ ނުކުތާއެކެވެ.
ދިވެހިރާއްޖޭގައި ޕެންޝަނާބެހޭ ގާނޫނު ވުޖޫދުވެގެން އައިސްފައިވަނީ 2009 ވަނަ އަހަރުއެވެ. މިގާނޫނު ވުޖޫދުވެ، 2011 ވަނަ އަހަރު ޕެންޝަން އޮފީސް އުފެދި، ޕެންޝަނާއި ބެހޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމްވެގެން އައީ ވާލްޑް ބޭންކުގެ މާލީ އެހީތެރިކަމާއި އެކު 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހިންގުނު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީތެރިކަމާއެކުއެވެ. ޕެންޝަން އޮފީސް ވުޖޫދުވެ، ރިޓަޔަރމަންޓް ޕެންޝަން ސްކީމު އުފެދި ހިގައިގަންނަށް ފެށުމާއިއެކު، ޕެންޝަންގެ ނަމުގައި ދައުލަތުން ދެމުން އައި އިނާޔަތްތައް އެއްކުޑައެއްގެ ދަށަށް ގެނައުމަށްޓަކާ، ޕެންޝަންގެ އިނާޔަތުގެ ނަމުގައި އޭގެކުރިން ދައުލަތުން ދެމުން އައި ގިނަ މާލީ އިނާޔަތްތައް ދިނުން ދައުލަތުން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
މިގޮތުން ސަރުކާރުން ހިންގަމުން އައި ޕްރޮވިޑެންޓް ފަންޑު އުވާލައި އެފަންޑުގައި ހުރިފައިސާ އޭގެ ހައްގުވެރިންނަށް ފޯރުކޮށް ދެވިފައިވެއެވެ. އަދި 20 އަހަރާއި 40 އަހަރު ދައުލަތަށް ޚިދުމަތް ކުރުމުން ދެމުންއައި އިނާޔަތްތައް ދިނުން ހުއްޓުމަކަށް ގެނެސް، ޕެންޝަނާބެހޭ ގާނޫނު ވުޖޫދަށް އައުމާއި ހަމައަށް ދައުލަތަށް ޚިދުމަތްކުރެއްވި މުވައްޒަފުންނަށްވެސް ހައްގުވާ ފައިސާ ފޯރުކޮށްދެއްވިއެވެ، ވަޒީފާގައި ދެމިތިބި މުވައްޒަފުންވެސް ޕެންޝަން ސްކީމުގެ ދަށަށް ވަނީ ގެނެވިފައެވެ. މަގުސަދަކީ ދައުލަތުގެ އެކި އޮފީސްތަކާއި އެކި އިދާރާތަކުން ވަކިވަކިން އިނާޔަތް ފޯރުކޮށް ދިނުމުގެ ބަދަލުގައި ދައުލަތުންވެސް ހިއްސާވެގެން، ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ޕެންޝަންގެ ނިޒާމެއްގެ ހިޔާވަހިކަމުގެ ތެރެއަށް ދައުލަތުގެ އެންމެހާ މުވައްޒަފުން ވެއްދުން.
ހަމަ އެއާއިއެކު، ރިޓަޔަމަންޓް ޕެންޝަންގެ އިނާޔަތަކީ ސަރުކާރާއި އަމިއްލަ ފަރާތްތައް ތަފާތު ކުރުމެއްނެތި، އުމުރުން ދުވަސްވެ ވަޒީފާ އަދާނުކުރެވޭ އުމުރުގައި، ހަމަހަމަ ކަމާއިއެކު ފޯރުކޮށްދެވޭ އިނާޔަތަކަށް ހެދުމަށްޓަކާ، ޕެންޝަނާބެހޭ ގާނޫނުގައި ވާގޮތުގެ މަތިން ޕްރައިވެޓް ސެކްޓަރ އަށްވެސް މި ނިޒާމް ފުޅާކުރެވި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކެއްވެސް، މި ނިޒާމް ވުޖޫދުވެދިއުމަށްފަހު ފާއިތުވެދިޔަ 11 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި މި ސްކީމުގައި ވަނީ ބައިވެރި ކުރެވިފައެވެ. އަދި ރިޓަޔަރމަންޓް ޕެންޝަންގެ ނިޒާމަކީ ޔުނިވަރސަލް ނިޒާމަކަށް ހެދުމަށްޓަކާ، ވަޒީފާ އަދާ ނުކުރާ ފަރާތްތައްވެސް، އުމުރުން ދުވަސްވާ ހާލަތަށް ތައްޔާރުވުމުގެ ގޮތުން، މިސްކީމުގައި އަމިއްލައަށް ބައިވެރިވެ، ފަހަށް ރައްކާކުރުމުގެ ފުރުސަތު ޕެންޝަން ސްކީމުން ތަނަވަސް ކޮށްދީފައިވާކަން މިފުރުސަތުގައި ފާހަގަކޮށްލަންޖެހެއެވެ.
އެހެންކަމުން، މިއަދު ޕެންޝަން ފަންޑުން ފައިސާ ނެގުމުގެ ވާހަކަ ދެކެވޭއިރު، މިފުރުސަތު މިގޮތަށް ފަހިވެފައި އޮތްތޯ މިއީ މިއަދު ފުންކޮށް ވިސްނާލަންޖެހިފަ އޮތް މައްސަލައެކެވެ. ސަބަބަކީ ޕެންޝަން ފަންޑަކީ ހަމައެކަނި ފައިސާ ޖަމާކޮށް ރައްކާކޮށްފައި ބަހައްޓާ ފަންޑަކަށް އެކަނި ވެގެން ނުދާތީއެވެ. އަދި އޭގެ ބަދަލުގައި މިފަންޑަކީ ފަންޑަށް ޖަމާކޮށްފައި ހުންނަ ފައިސާއިން އިންވެސްޓްކޮށް ޕެންޝަން ސްކީމުގެ ބައިވެރިންނަށް އިތުރު ފައިދާއާއި ނަފާ ހޯދައިދިނުމުގެ ގޮތުން އެތައް ވިޔަފާރިއެއްގައި އިންވެސްޓްކުރެވެމުންދާ ފައިސާއަކަށްވެސް ވާތީއެވެ.
މިގޮތުން މިހާރުވެސް ސަރުކާރުގެ ޓީ-ބިލްގައާއި ބޮނޑުގައާއި، ދިރާގު، އުރީދޫ އަދި އެޗްޑީއެފްސީ ފަދަ މާލީ އިދާރާތަކުގައި ޕެންޝަން ފަންޑުން އިސްވެސްޓް ކުރެވިފައި ވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. މީގެ އިތުރުން ރާއްޖޭގެ ބޭންކުތަކުގެ ފިކްސް ޑީޕޮޒިޓަރީގައިވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ވަނީ އިންވެސްޓް ކުރެވިފައެވެ. މަގުސަދަކީ ޕެންޝަން ސްކީމުގެ ބައިވެރިންނަށް، ޖަމާކުރެވިފައި ހުރި ފައިސާއެއްގެ އިތުރަށް އިތުރު ނަފާ ހޯދައިދިނުމެވެ. އެހެންކަމުން، ޕެންޝަން ފަންޑުގައި ޖަމާވެފައި ހުރި ފައިސާ ނެގުމަށް މިއަދު، އެކަމުގެ ޝައުގުވެރިކަމުގައި ވަކާލާތު ކުރެވިގެންދިޔަ ކަމުގައިވީ ނަމަވެސް، މި ވިޔަފާރީގެ އިންވެސްޓްމަންޓްތައް ރޫޅާލާ އެފައިސާ ނެގުން ވެގެންދާނީ މުސްތަހީލުކަމަކަށެވެ.
ހަމަ އެއާއިއެކު، ލިބޭ އަސާސީ މުސަރައިގެ 7 އިންސައްތަ ވަޒީފާ އަދާކުރާ ފަރާތުން މި ފަންޑަށް ޖަމާ ކުރަމުންދާއިރު، ވަޒީފާ ދޭފަރާތުން ފަންޑަށް ޖަމާކުރަމުންދާ އަސާސީ މުސާރައިގެ 7 އިންސައްތަ އަކީ ފަންޑުގެ ބައިވެރިންނާއި ވަޒީފާ ދޭފަރާތާއި ދެމެދު އުފެދިފަ އޮތް ސޯޝަލް ބޮންޑެއްގެ ތެރެއިން ޖަމާވަމުންދާ ފައިސާއަކަށް ވާއިރު، މުވައްޒަފުން ރިޓަޔަ ކުރުމުގެ ކުރިން މިފައިސާ، ވަޒީފާ އަދާކުރާ ފަރާތުން ނަގާ ހާލަތުގައި، ވަޒީފާ ދޭފަރާތާއި އަދާކުރާ ފަރާތުގެ ދެމެދުގައި އުފެދިފައި އޮންނަ މިއެއްބަސްވުން އުވުމަކަށް އަންނަންޖެހޭ ހާލަތު މެދުވެރިވެއެވެ، ވަޒީފާ ދޭ ފަރާތުން މިފައިސާ ޖަމާކުރަމުންދާ މަގުސަދު ގެއްލި، ޕެންޝަން ސްކީމުގެ އަސާސީ ސިފަތައް އޮޅުން ބޮޅުންވެ ޕެންޝަން ސްކީމުގެ ހަގީގީ މަގުސަދު ގެއްލިގެންދާނޭކަމީ ނުވެ ނުދާނޭ ކަމެއްކަން ޔަގީނެވެ.
ދިވެހި ރާއްޖޭގައި އެކަށައެޅިފަ އޮތް ޕެންޝަން ސްކީމުން ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 65 އަހަރު ވުމަށްފަހުއެވެ. އެހެންނަމަވެސް، އުމުރުން 65 އަހަރު ވުމުގެ ކުރިންވެސް މި ސްކީމުން ޒަރޫރީ ބައެއް ހާލަތްތަކުގައި މިހާރުވެސް ފައިސާ ނެގޭނެ ބައެއް އުސޫލުތައް ހަމަޖެހިފައިވެއެވެ. މިގޮތުން ޕެންޝަނާ ބެހޭ ގާނޫނުގައި ވާގޮތުގެ މަތިން އެމީހެއްގެ ޕެންޝަން އެކައުންޓަށް، ކަނޑައެޅިފައިވާ ވަކިއަދަދަކަށް ފައިސާ ޖަމާ ކުރެވިފައިވާނަމަ އުމުރުން 55 އަހަރު ވުމަށްފަހު ޕެންޝަން ފަންޑުން ފައިސާ ނެގުމަށް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވިދާނެއެވެ.
އަދި މީގެއިތުރުން ގެދޮރުގަތުމަށް ސެކިއުރިޓީއެއްގެ ގޮތުގައި ޕެންޝަން ސްކީމުގައި ހުރިފައިސާ ކޮލެޓޮލެރައިޒް ކުރުމުގެ ފުރުސަތުވެސް ޕެންޝަން ފަންޑުން ފަހިވެފައި އޮވެއެވެ. އަދި މީގެއިތުރުން ހައްޖަށް ދިއުންފަދަ ޒަރޫރީ ބައެއް ކަންކަމަކީވެސް ހަގީގަތުގައި ޕެންޝަން ސްކީމުން ފަންޑުން ކޮށްދޭ ކަންކަން ކަމުގައި ނުވި ނަމަވެސް، ޕެންޝަން ފަނޑުން ހައްޖަށް ދިއުމަށް މަގުފަހިކޮށް ދިނުމަކީ މިސަރުކާރުގެ މުހިންމު ރިޔާސީ ވައުދަކަށް ވުމާއިއެކު، މިމަގަށް މަގުފަހި ކުރުމުގެ ގޮތުން، މިއަސާސީ ޚިދުމަތަށް ޕެންޝަން ފަންޑުން މަގުފަހިކޮށްދީފާއިވާކަން މިއީ މި ފުރުސަތުގައި ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ.
ދިވެހި ރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ގާއިމް ކުރެވިގެން ދިޔަ ޕެންޝަން ފަންޑުގެ ޅަފަތުގައި، ޕެންޝަންގެ މިމުހިންމު ނިޒާމަށް މިވަނީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެެވެ. ޕެންޝަންގެ ކޮންސެޕްޓަކީ މާލީގޮތުންވެސް ފަސޭހަކަމާއި އެކު އާމުރައްޔިތުންނަށް ދޭހަވާ ކޮންސެޕްޓަކަށް ނުވުމާއި، އަދި ރާއްޖެއަށް މުޅިން އާ އިޖުތިމާޢި ރައްކާތެރިކަމުގެ މިކޮންސެޕްޓަށް ފަރިތަ މީހުން ރާއްޖޭގައި މަދުވުމުގެ ނަތީޖާއަކަށް ވެގެން މިދަނީ، މިނިޒާމުގެ ހަގީގީ ފޮނިމީރުކަމަށް އުއްމީދުކުރާ މީހުންނަށްވުރެ މިނިޒާމު މިއަދު ގުރުބާން ކުރުމަށް ވަކާލާތު ކުރާ އަޑުތައް ގަދަވާން ފަށާފައެވެ.
އާންމު ރައްޔިތުންގެ ޑިމާންޑްތަކާއިއެކު، ކޮންމެ ރިޔާސީ އިންތިޚާބެއްގައި މިފަންޑުގެ ބޭނުން އެކި ގޮތްގޮތަށް ކުރުމުގެ ވައުދުތައް ރިޔާސީ ކެންޑީޑޭޓުންނަށްވެވި، އިޖުތިމާޢި ރައްކާތެރިކަމުގެ މިނިޒާމަށް ކޮންމެ ރިޔާސީ އިންތިޚާބަށްފަހު މިދަނީ ލޮޅުންތައް އަރަމުންނެވެ. ކުރިމަތިވާ އިގްތިސާދީ ކޮންމެ ކާރިސާއަކާއި ގުޅިގެން ޕެންޝަން ސްކީމުން ފައިސާ ޚަރަދުކުރުމުގެ އަޑުތައް ގަދަވެގެން މިދަނީ މާދަމާއަށް ރައްކާކޮށްގެން މުޅިމުޖަތަމައުގެ ދުޅަހެޔޮކަމާއިމެދު ބައެއް ފަރާތްތަކަށް ވިސްނާލެވޭ މިންވަރު ކުޑަވުމުގެ ނަތީޖާއެއްގެ ގޮތުންކަމުގައި ވެސް ވެދާނެއެވެ. އަދި ހަމަ އެއާއިއެކު، ހަގީގަތުގައިވެސް ހާލަތު ނިޔާކުރާގޮތުން މާލީއެހީތެރިކަމަށް ބޭނުން ޖެހިފައި އޮތް އޮތުމުގެ ނަތީޖާއެއްގެ ގޮތުން ޕެންޝަން ފަންޑުގަ ހުރި ފައިސާއަށް ބަރޯސާ ވާންޖެހޭފަދަ ހާލަތެއް ހަގީގަތުގައިވެސް މެދުވެރިވެފައި އޮތުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައި މިހާލަތުގައި ގަބޫލު ކުރަންޖެހެއެވެ.
އެހެން ނަމަވެސް އަޅުގަޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ޕެންޝަން ފަންޑުގައި ހުރި ފައިސާއިން މިއަދު ޚަރަދުކުރުމަކުން އަޅުގަޑުމެންގެ ހާލަތު މިއަދު ބަދަލުވެގެން ހިގައިނުދާނެކަމެވެ. އޭގެ ބަދަލުގައި އިގްތިސާދީ ކާރިސާއަކުން އަރައިގަތުމަށް ބޭނުންވަނީ އިގްތިސާދީ ހައްލެއްކަން. އިގްތިސާދީ ހައްލަކުން މެނުވީ އަޅުގަޑުމެންގެ ހާލަތަށް ބަދަލެއް ނާންނާނެއެވެ. މިއަދުގެ މުހުތާދުގައި މާދަމާ ގުރުބާން ނުކޮށްފިނަމަ، ﷲ ތައާލާގެ ހެޔޮ ރަހުމަތުން މިއަދުން އަރައިގަނެވުނީމަ، މާދަމާ އަދި މާ އުޖާލާވެގެން ދާނެއެވެ