ޚަބަރު

ކޯވިޑް-19 : މުސާރައާއި ޢިނާޔަތްތަކަށް ގެނައި ބަދަލު ހުރިހާ އޮފީހަކަށް ފޮނުވައިފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުން އުނިކުރަން ނިންމާފައިވާ ގޮތުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މާލިއްޔަތާއިބެހޭ ސަރކިއުލަރގައި ވަނީ ދައުލަތުގެ މުވައްޒަފުންގެ އަސާސީ މުސާރައިގެ ނިސްބަތުން އުނިކުރަން ނިންމާފައިވަނީ 20،001 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިންނެވެ.

އަސާސީ މުސާރައިން އުނިކުރަން ނިންމާފައިވާ މިންވަރު:

  • 20،000ރ އާއި އެއަށްވުރެ ދަށް %0
  • 20،001ރ - 30،000ރ %20
  • 30،001ރ - 60،000ރ %30
  • 60،001ރ އަށްވުރެ މަތި %35


މިނިސްޓަރުންގެ ނާއިބާއި، އެފެންވަރުގެ މަޤާމްތަކުން ފެށިގެން މަތީ މަޤާމްތަކުގައެ ތެރެއިން، އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ ދަށްވި ނަމަވެސް، އެ މަޤާމުތަކުގެ އަސާސީ މުސާރައިން %20 އުނިކުރުމަށާއި، މިނިސްޓަރުންގެ ނާއިބާއި އެފެންވަރުގެ މަޤާމުތަކުން ފެށިގެން މަތީގެ މަޤާމުތަކުގެ ތެރެއިން، އަސާސީ މުސާރަ 20،000 ރުފިޔާއަށްވުރެ މަތި ސިޔާސީ މަޤާމްތަކުގެ މުސާރަ އާއި ޢިނާޔަތް (ޓޭކް ހޯމްޕޭ) ވެސް ވަނީ ސީލިނގެއް ކަނޑައަޅާފައެވެ.

އޭގެ ތަފްސީލް:

  • 10،000ރ އާއި އެއަށްވުރެ ދަށް 25،000
  • 10،001ރ - 15،000ރ 30،000
  • 15،001ރ - 20،000ރ 35،000
  • 20،001ރ - 25،000ރ 40،000
  • 25،001ރ - 30،000ރ 45،000
  • 30،001ރ - 40،000ރ 50،000
  • 40،001ރ - 50،000ރ 55،000
  • 50،001ރ - 60،000ރ 60،000
  • 60،001ރ - 80،000ރ 65،000
  • 80،001ރ އަށްވުރެ މަތި 70،000


މި ސީލިންގެ މުސާރަ ލިބޭ މުވައްޒަފުންގެ ތެރެއިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި، ހެލްތުޕްރޮޓެކްޝަން އޭޖެންސީގެ މުވައްޒަފުންނާއި، ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަޤާމުތައް ފިޔަވާ އެހެނިހެން މުވައްޒަފުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މުވައްޒަފުންނާއި، އެންއީއޯސީގެ މުވައްޒަފުން ވަނީ އިސްތިސްނާކޮށްފައެވެ.

ފިނޭސް މިނިސްޓަރ މަޖިލީހަށް ފޮނުއްވާފައިވާ މި ސަރކިއުލަރގައި ވަނީ މި މުސާރަ އުނިކުރުމަށް ހިމަނާފައިވާ މި އުސޫލަށް ޢަމަލުކުރަން ފަށާނީ މެއި މަހުގެ މުސާރައިން ފެށިގެންކަމަށެވެ. އަދި ޤައުމަށް ދިމާވާ އިޤްތިޞާދީ ހާލަތާއި ދައުލަތުގެ މާލިއްޔަތުަށް ދިމާވެފައިވާ ހާލަތަށް ރިޢާޔަތްކޮށް ފިނޭންސް މިނިސްޓްރީން ވަކިގޮތެއް އަންގަންދެން ޢަމަލުކުރަމުންދާނީ މި އުސޫލާއި އެއްގޮތަށްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.