ޚަބަރު

ކޯވިޑް-19 : ރިލީފް ފަންޑުގެ %72 ޚަރަދުކުރީ އެސްޓީއޯ މެދުވެރިކޮށް - މިނިސްޓަރ އަމީރު


ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދައުލަތުން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ދައުލަތުން ކުރާ ޚަރަދުތަކާއި ލިބޭ ޢާމްދަނީއާއި ހިލޭ އެހީގެ ތަފްސީލާ ގުޅޭގޮތުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އިކޮނޮމިކް ރިލީފް ފަންޑުގެ ތެރެއިން މިހާތަނަށް 814 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

އޭގެރެރެއިން އެންމެބޮޑު ޚަރަދެއްކުރީ އެސްޓީއޯ މެދުވެރިކޮށްކަމަށާއި، އެއީ އެޚަރަދުގެ %72 އިންސައްތަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ 586 މިލިއަން ރުފިޔާއެވެ. މިނިސްޓަރ ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ކުރިޚަރަދުގެތެރޭގައި ހިމެނެނީ ކޯވިޑް-19އާ ގުޅިގެން ބޭހާއި ސިއްޙީ ވަސީލަތްތަކާއި ސާމާނު ހޯދުމަށާއި، ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެނޫންވެސް މުހިންމު ތަކެތި ހޯދުމަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ވީހާވެސް ކުޑަ އަގެއްގައި ކަންކަން ކުރެވޭތޯކަމަށެވެ.

"މެޑިކަލް ކޮންސިއުމަބަލްސްގެތެރޭގައި މިހިމެނެނީ ލެބޯޓްރީ ރީޖަނަލްސް، ޕީޕީއީ، މެޑިކަލް އޮކްސިޖަން. މެޑިކަލް ކޮންސިއުމަބަލްސްގައިވެސް އަޅުގަނޑުމެން %86 މި ޕްރޮކިއުކުރަނީ ޖުމްލަ ހުރިހާ އެއްޗެއް އެސްޓީއޯ މެދުވެރިކޮށް. އެސްޓީއޯއާއެކު ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑއްގައިވެސް ސޮއިކުރެވިގެން މި ސްޓޭޕަލްސްގެ ބަފަރސްޓޮކެއް އަޅުގަނޑުމެން އަބަދުވެސް މެއިންޓެއިން ކުރުމަށްޓަކައި އެސްޓީއޯއަށް ގާތްގަނޑަކަށް 84 މިލިއަން ރުފިޔާ ޕްރޮވަޢިޑްކޮށްގެން އެ މަސައްކަތްވެސް މިދަނީ އެސްޓީއޯ މެދުވެރިކޮށް." އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ކޯވިޑްގެ ޚަރަދުތައް ބެލުމަށް ޚާއްޞަ އޮޑިިޓެއް މިހާރު ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީ މެދުވެރިކޮށް ކޯވިޑްގެ ޚަރަދު ކުރާ ހުރިހާ ވުޒާރާތަކާއި އިދާރާތަކުގެ އޮޑިތެއް ހަދަމުން އަންނަކަމަށެވެ. އޭޕްރީލް މަހުގެ 12ގައި ފެށި އޮޑިޓް މިފެށޭ ހަފްތާގައި ނިމޭނެކަމަށްވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

އަދި އެސްޓީއޯ މެދުވެރިކޮށް އެންމެބޮޑު ޚަރަދެއް ކުރެވެމުންދާތީ އެސްޓީއޯގެ ޚާއްޞަ އޮޑިޓެއްވެސް ކުރަމުން އަންނަކަމަށާއި، ޕީސީބީ މެދުވެރިކޮށް އޮޑިޓް ހިނގަނީ ރަނގަޅަށްތޯ ބެލުމަށް އެދިފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި އޮޑިޓުގެ ސަބަބުން ރަނގަޅުކުރަން ހުރިކަންކަން ފާހަގަކޮށް ޚަރަދުުރެވޭ ގޮތް އިތުރަށް ހަރުދަނާކުރުމަށްވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މި ދަނޑިވަޅުގައި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރަން ޖެހުނު ކޮންމެ ޚަރަދެއް ކުރައްވަން ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ކަމަށް ބޭނުންވާ ހިލޭ އެހީ ހޯދުމާއި ލޯނު ނެގުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންންވެ. އަދި މިދަނޑިވަޅުގައި ސަރުކާރުގެ މަސައްކަތްތަކުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ވަނީ އެކި ދާއިރާތަކަށް ކުރާ ހޭދަ ކުޑަ ކުރުމަށްފަހު ބޮޑެތި މުސާރަ ލިބޭ ފަރާތްތަކުގެ މުސާރަވެސް ކުޑަކޮށްފައެވެ.